އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުގައި ރިޗާލިސަން ޖެހި ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެއްޖެ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ދަނޑުގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ރިޗާލިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ މުހައްމަދު ކުޑޫސް އެވެ.
ޓޮޓްނަމްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި އޭނާ ވަނީ 55 މިލިއަން ޕައުންޑަށް އެ ޓީމާއި އަލަށް ގުޅުނު މުހައްމަދު ކުޑޫސް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ޓޮޓްނަމް އަށް ވަނީ ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަނަރަ ވަނަ މިނިޓުގައި ކުޑޫސްގެ އެސިސްޓަކުން ރިޗާލިސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ޓޮޓްނަމް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 66 ވަނަ މިނިޓުގައި ބްރެނަން ޖޯންސަން ކާމިޔާބުކޮށްދިން ލަނޑެކެވެ.