ޚަބަރު

ޤައުމީ ބެޑްމިންޓަން ޓީމު އެކުލަވާލައިފި


ބެޑްމިންޓަން އެސޯސިއޭޝަން ވަގުތީގޮތުން ހިންގަމުން އަންނަ އެޑްހޮކް ކޮމިޓީގެ ބެލުމުގެ ދަށުން އޮގަސްޓ 11-13 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސިލެކްޝަން މެޗުތަކަށްފަހު ޤައުމީ ބެޑްމިންޓަން ސްކޮޑް ކަނޑައަޅައިފިއެވެ.

މުޅިން އަލަށް މުޅި ރާއްޖެ ޝާމިލްވާގޮތަށް ހުޅުވާލައިގެން ބޭއްވި ސިލެކްޝަން މެޗުތަކުގައި 32 ފިރިހެން ކުޅުންތެރިންނާއި 22 އަންހެން ކުޅުންތެރިން ވާދަކުރިއެވެ.

މި ސިލެކްޝަނުގެ ތެރެއިން ގައުމީ ސްކޮޑަށް ހޮވުނު 12 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނަކީ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނެވެ.

އެގޮތުން ގައުމީ ފިރިހެން ސްކޮޑަށް ހޮވުނީ ރިވައިވަލްގެ ހައިޝަމް އިބްރާހިމް، ޒަޔާން ޒަކީ، ނިބާލް އަހުމަދު، ހަސަން ޒަޔާން މުހައްމަދު އަދި އާދަމް މަހީން މުހައްމަދުގެ އިތުރުން ނައިފަރު ބެޑްމިންޓަން އެކަޑަމީގެ އިބްރާހިމް ނާޝިތު ހަމްދީ ހިމެނެއެވެ. ނާޝިތަކީ އޮކްޓޫބަރުގައި ބަހުރެއިންގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ސްކޮޑަށްވެސް ހޮވިފައިވާ ކުޅުންތެރިއެކެވެ.

އަންހެން ސްކޮޑަށް ހޮވުނު ކުޅުންތެރިންނަކީ ރިވައިވަލްގެ ފާތިމަތު ނަބާހާ، އައިމިނަތު ނަބީހާ، އައިޝަތު އާލިޝާ މޫސާ، އަރުތަ ޕްރޮގްރާމުގެ ދަށުން ތަމްރީނުވަމުން އަންނަ 12 އަހަރުގެ ލައިބާ އަހުމަދު މަހުލޫފް، ޝުބާ މުހައްމަދު ޝަރީފް އަދި ޔަލްވީ ހުސެއިން ޒުހުރީއެވެ.

ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަނުގެ ސަސްޕެންޝަނުގައި ރާއްޖެ އޮތްނަމަވެސް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ސަސްޕެންޝަނުން ސަލާމަތްވެ ބައިނަލްއަގްވާމީ މުބާރާތްތަކުގަިއ ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އަލުން ހޯދުމަށެވެ.

އެގޮތުން އޮކްޓޫބަރުމަހު ބާއްވާ އޭޝިއަން ޔޫތް ގޭމްސްގެ ކުރިން ސަސްޕެންޝަން އުވާލާނެކަމަށް ރާއްޖެއިން އުންމީދުކުރެއެވެ.