ޚަބަރު

އައިޓީއެފް ޖޭ30 ގައި ރާއްޖެ ފަޚުރުވެރިވާވަރުގެ ނަތީޖާއެއް ނެރޭނަން: ޓެނިސް ކުޅުންތެރިން


އައިޓީއެފް ޖޭ30 ޓެނިސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖިމް ސެޝަންތަކާއި، ކޯޓު ޕްރެޓިސްތަކާއި، އެހެނިހެން ގޮތްގޮތުން ފުރިހަމަކުރި ފަރިތަކުރުންތަކަށްފަހު މިއަދު ފެށި މުބާރާތުގައި ރާއްޖެއަށް ރަނގަޅު ކަމީޔާބީއެއް ހޯދައިދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ރާއްޖޭގެ 18 އަހަރުން ދަށުގެ ޓެނިސް ކުޅުންތެރިން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް ޓެނިސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ޓެނިސް ޓީމުގެ ބައެއް ކުޅުންތެރިން ބުނީ މިއީ އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މުބާރާތަކަށްވުމުން ހުރިހާ ގޮތަކުން މޮޅުވުމަށް ދިވެހި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށާއި ރާއްޖެ ފަހުރުވެރިވާފަދަ ވަނަތަކެއް ހޯދައިދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މުހައްމަދު ކައިސާން އިއްޒަތު ރަޝީދު ބުނީ މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ އެތުލީޓުންނާއި މެދު އެއްވެސް ވަރަކަށް ޖެހިލުންނުވާ ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ކޮންފިޑެންސާއެކުގައި ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ނަބާ ނިޝާން ބުނީ އޭނާ މި މުބާރާތަށް ފަރިތަކުރަން ފެށީ މިދިޔައަހަރު ލިބުނު އަނިޔައަކާއި ގުޅިގެން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ކަމަށެވެ. އެހެނަމަވެސް ކުޅޭ ކޮންމެ ބޯޅައެއް ކުޅޭނީ މި މުބާރާތުގައި ދެވޭ އެންމެ އުހަށް ދިއުމުގެ އަމާޒުގައި ކަމަށާއި، ރާއްޖޭގައި މި މުބާރާތް ބާއްވާތީ މިއީ ލިބޭނެ ވަރަށް ބޮޑު ތަޖްރިބާއަކަށް ވާނެކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖެ ފަހުރުވެރިވާވަރުގެ ނަތީޖާއަކަށް ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ އާރާ އާސަލް އާޒިމް ބުނީ އައިޓީއެފް ޖޭ 30 އަށް ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ތައްޔާރުވުމަށް އޭނާ މެޗުތައް ކުޅެމުން އައި ކަމަށެވެ. އަދި ރާއްޖޭގައި މި މުބާރާތް ބާއްވާތީ މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖްރިބާއަކަށް ވާނެ ކަމަށާއި، ރާއްޖޭގެ ޓެނިސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.

މި މިބާރާތުގައި ވާދަކުރާ ނަޔާރާ އުސާމާ އަލީ ބުނީ އުންމީދަކީ ވީހާވެސް ގިނަ ޕޮއިންޓް ހޯދާ ވަނައެއް ހޯދުން ކަމަށާއި، ވަރަށް ރަނގަޅު ކުޅުމެއް މި މުބާރާތުގައި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފަރިތަކުރުންތަކުގައި އެންމެ ބޮޑަށް މަސައްކަތް ކުރީ ޓީމެއްގެ ގޮތުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ކަމަށް ނަޔާރާ ބުންޏެވެ.

މި މުބަރާތުގައި ވާދަކުރާ މުހައްމަދު ނޫހު ނާޒިހު ބުނީ އުންމީދަކީ މި މުބާރާތުގެ ފައިނަލާއި ހަމައަށް ދިއުންކަމަށެވެ. އަދި މިބާރާތަށް ފަރިތަކުރާތާ 3 މަސްވެއްޖެކަމަށާއި، ކޯޗު ހުރިހާ ކުދިންނަށް ވަކިވަކިން ފޯކަސްކޮށްގެން ޕްރެކްޓިސްތައް ބޭއްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ޓެނިސް މުބާރާތް އައިޓީއެފް ޖޭ30 ގައި ވާދަކުރާ ބޭރު ގައުމުތަކުގެ ބައެއް ކުޅުންތެރިން ބުނީ ރާއްޖޭގެ ޓެނިސް ކޯޓާއި މެދު ހިތްހަމަޖެހޭ ކަމަށާއި، މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އައީޓީއެފް ޖޭ 30 ޓެނިސް މުބާރާތުގައި ވާދަކުރާ ޔޫކުރެއިންގެ ކުޅުންތެރިއަކު ބުނީ އޭނާގެ އުންމީދަކީ މުބާރާތުގެ ފަރަތަމަ 3 ބުރުގައި ކުޅޭ ކުއާޓާރފައިނަލާ ހަމައަށް ދިއުންކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ސްވިޓްޒަލޭންޑްގެ ކުޅުންތެރިއަކު ބުނީ ރާއްޖޭގެ ހޫނަށް ހޭނެއް އުނދަގޫވިނަމަވެސް ޓެނިސް ކޯޓުގެ ހާލަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް މިއައީވެސް އިއިޓީއެފް މުބާރާތަކަށް ފަހު ކަމަށާއި، އެހެންކަމުން އެކަށީގެންވާވަރުގެ ނަތީޖާއެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޗައިނާ ކުޅުންތެރިއަކު ބުނީ އޭނާގެ އެންމެ ރަނގަޅު ކުޅުން މި މުބާރާތުގައި ދައްކާނެ ކަމަށާއި އުންމީދަކީ މި މުބާރާތުން ވީހާވެސް ގިނަ ޕޮއިންޓް ހޯދުން ކަމަށެވެ.

ގައުމުން ބޭރުގައި އައިޓީއެއްފ މުބާރާތްތައް ކުޅުމުގެ ތަޖްރިބާ ހުރި މި ކުޅުންތެރިންގެ އިތުރުން މި މުބާރާތުގައި އިންޑިއާ، ސިންގަޕޫރު، ރަޝިއާ، ސައުދީ އަރަބިއްޔާ، އެމެރިކާ، ރަޝިޔާ ފަދަ ގައުމުތަކުގެ 32 އެތުލީޓުން މި މުބާރާތުގައި ވާދަކުރާނެއެވެ.