މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 800 މީޓަރު ދުވުމުގެ ރަން މެޑެލް ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރިޒާ އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒީކް އަޝްރަފް ރަޝީދު ހޯދައިފިއެވެ.
ފިިރިހެނުންގެ 800 މީޓަރު ދުވުމުން ރަން މެޑެލް ރިޒާ ހޯދީ މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓު އެއް މިނެޓު 57.68 ސިކުންތުން ނިންމައިގެންނެވެ. މިއީ މި މުބާރާތުގެ މީޓް ރިކޯޑެކެވެ. މި އިވެންޓުން ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އަޙްމަދު އިޔާން އިގުބާލް މުޙައްމަދު ރޭސް ނިންމާފައިވަނީ އެއް މިނެޓު 58.56 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔަ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ފަޒީލް ހާރޫން ރޭސް ނިންމީ އެއް މިނެޓު 59.15 ސިކުންތުންނެވެ.
މީގެ އިތުރުން އަންހެނުންގެ 800 މީޓަރު ދުވުން ރަން މެޑެލް ހޯދި ޒީކް ރޭސް ނިންމީ ދެ މިނެޓު 31.41 ސިކުންތުންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އޮންނަ ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ އަޙްމަދު ދިޔައީ ދެވަނައަށެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 32.69 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔަ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ނާދު އައްސަދު ވަޖުދީ ރޭސް ނިންމީ ދެ މިނެޓު 38.96 ސިކުންތުންނެވެ.