އެމެރިކާގައި މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ސަބަލެންކާ ބަލިވެއްޖެއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ބަލިވެފައިވަނީ މުބާރާތުގައި ނުވަވަނަ އަށް ސީޑު ކޮށްފައިވާ ކަޒަކިސްތާނުގެ އެލޭނާ ރައިބަކީނާ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި މެޗުގައި ސަބަލެންކާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންގޮސްފައިވާއިރު އޭނާ ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރައިބަކީނާ ކާމިޔާބުކޮށްފައިވަނީ ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.
މި މެޗުން ރައިބަކީނާ މޮޅުވެފައިވާއިރު މިއީ އޭނާއަށްވުރެ މަތީ ރޭންކުގެ ކުޅުންތެރިއެއްގެ އަތުން އޭނާ މޮޅުވި ހަތްވަނަ ފަހަރެވެ. އަދި މިއީ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އޭނާއަށް ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ރައިބަކީނާ އާއި ދެކޮޅަށް ނިކުންނާނީ ވިމްބަލްޑަންގެ ޗެމްޕިއަން, ޕޮލެންޑްގެ އިގާ ސްވިއަޓެކް އެވެ. އޭނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ އަނާ ކަލިންސްކާޔާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.