ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިންޕިކްސްގައި ވާދަކުރިއިރު ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ޖަޕާނުގެ ޝުންޖީ ފުކުޝިގާ 37 އަހަރު ފަހުން ރާއްޖައަށް އާދެވުނުއިރު ހައިރާންކޮއްލައިފިކަމަށް ބުނެފިއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮއްލުމައްފަހު އެނބުރި ޖަޕާނަށް ދިއުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަދައްކަމުން ޝުންޖީ ބުނީ ފުރަތަމަ ރާއްޖެ އައިއިރު ފެނުނީ ކުޑަކުޑަ ޖަޒީރާ ރަށްތަކެއް ކަމަށާއި އޭގެ ތިރީސް ހަތްއަހަރު ފަހުން ރާއްޖެއައިރު ފެނުނު މަންޒަރު މުޅިންތަފާތުކަމަށެވެ. ވަރަށް ބޮޑަށް ރާއްޖެ އޮތީ ބަދަލުވެފަކަން ފާހަގަ ކުރަމުން ޝުންޖީ ބުނީ ރާއްޖެއިން ތަރައްގީވެ ކުރިއެރުންތަކެއް ހޯދައިފިކަމަށެވެ.
ޝުންޖީ ފުރަތަމަ ފަހަރަށް ރާއްޖެ އައީ 1988 ވަނަ އަހަރު ސޯލް އޮލިންޕިކްސް ގޭމްސްއަށް ރާއްޖޭގެ ޓީމުގެ ކޯޗަކަށެވެ. އޭރު ރާއްޖޭ ދުވުމަށް ޝައުގުވެރިވެގެން އެތުލެޓިކްސްގައި ހަރަކާތްތަރެވާ މާގިނަ ޒުވާނުންތަކެއް ނުފެންނަ ކަމަށާއި އެކަމަކު މިހާރު އެ މަންޒަރު ބަދުލުވެއްޖެކަމަށް އޭނާ ބުންޏެވެ.
އުމުރުން 34 އަހަރުގައި ރާއްޖެއައި ކޯޗު ބުނީ މިހާރު ރާއްޖެއިން ކޮންމެ ކުޅިވަރެއްގައިވެސް ޝައުގާއެކު މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި އެއީ ދިވެހި ކުޅިވަރަށް އައި ހެޔޮބަދަލެއް ކަމަށެވެ.
" މިހާރު ވަރަށް ގިނަ ކުޚިވަރުތަކުން ވަރަށް ގިނަ އެތުލީޓުން ޝައުގުވެރިކަމާ އެކު މަސައްކަތް ކުރޭ، އެއީ ރަނގަޅެއް." ވެލާނާ އިންޓްނޭޝަން އެއާޕޯޓްގައި ހުރެ ޖަޕާނަށް ފުރުމުގެ ކުރިން ވާހަކަދައްކަމުން ޝުންޖީ ބުންޏެވެ.
1988 އަހަރު އޮލިންޕިކްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމު ވާދަކުރުމުގެ ކުރިން ޖަޕާންގެ ނަނަގާނޯ ސިޓީގައި ޒުޑަގަވާގެ އެހީތެރިކަމާއެކު 2 ހަފްތާގެ ތަމްރީންތަކެއް ހުރިހާ ހަރަދެއް ހަމަޖެއްސުމަށް ޝުންޖީ ވަނީ ބޮޑު ދައުރެއް އަދާކޮއްފައެވެ.
ޝުންޖީ ބުނީ ކުޑަކުޑަ ރާއްޖެއިން މިހާރު ފެނުނީ ވަރަށް އުންމީދީ އެތުލީޓުންތަކެއް ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ ޝައުގުވެރިކަމާއެކު ކުރިއެރުން ހޯދަން ރާއްޖޭގެ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
ކޮންމެ އެތުލީޓެއް ވަކި އަމާޒެއް އޮވެގެން މަސައްކަތް ކޮއްފިކަމަށްވާނަ ކާމިޔާބަކީ ދުރުގުވާއެއްޗެއް ނޫންކަމަށް ޝުންޖީ ބުންޏެވެ. އެގޮތުން ބޭނުންވަނީ ހިއްވަރާ އެކު މަސައްކަތް ކުރުން ކަމަށް ޝުންޖީ ފާހަގަކުރިއެވެ.
ޝުންޖީގެ މި ނުރަސްމީ ދަތުރުގައި މޯލްޑިވިސް އޮލިންޕިކް ކޮމެޓީން ވަނީ އޭނާއާ ބައްދަލުކޮށް ޝުންޖީ ކޮއްދިން ހިދުމަތައް ޝުކުރު އަދާކޮއްފައެވެ. އަދި އޮލިންޕިކް ކޯމެޓީން ވަނީ ރާއްޖޭ އެތުލިޓިކްސްއަށް ޝުންޖީގެ އެހީތެރިކަމާ އެކު ހޯދި ކުރިއެރުން ފާހަގަކޮށް އެކަމަށްވެސް ޝުކުރުއަދާކޮއްފައެވެ.
ޝުންޖީ ބުނީ ރާއްޖޭގެ އެތުލިޓިކްސްއަށް ކޮއްދިން ހިދުމަތް ފާހަގަކުރީތީ އެކަމާ ވަރަށް އުފާވާކަމަށާއި އެނބުރި ގައުމަށް ފުރަނީ ހިތްހަމަޖެހިގެން ހުރެ ކަމަށެވެ.
ޝުންޖީ ކޯޗުގެ އެހީތެރިކަން އެތުލެޓިކްސް ޓީމުން ވަނީ 1992 ވަނަ އަހަރު ކަލްކަތާގަ އޮތް ސާފް ގޭމްސްގަ ވެސް ހޯދާފައެވެ. އޭގަފަހުން 1992 ވަނަ އަހަރު ބާސެލޯނާ ގައި އޮތް އޮލިންޕިކްސް ކުޅިވަރު މުބާރާތައް ރާއްޖޭގެ އެތުލެޓިކްސް ޓީމު ނުކުތީވެސް ޝުންޖީގެ އިރުޝާދުގެ ދަށުންނެވެ.
ޝުންޖީ އަކީ ރާއްޖޭގެ އެތުލެޓިކްސް ޒަމާނީ ތަމްރީންތަކާއި ދިމާލަށް މިސްރާބު ބަދަލު ކޮއްލުމުގެ އެންމެބޮޑު އެއް މޭސްތިރިއާއެވެ.