ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ފެންވަރު ރަނގަޅު ދަނޑެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށެވެ.
ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާޅޮހުގެ ފުޓްސެލް ދަނޑުގެ ސައިޒު ވަރަށް ކުޑަ ކަމަށާއި ދަނޑު ބޮޑު ކުރެވޭނީ ހުރިހާ މަސައްކަތެއް ހިމެނޭހެން ދަނޑުގެ މަސައްކަތް ކުރިއަށް ގެންދެވިގެން ކަމަށެވެ.
" އެހެންވީމަ ބޮޑު ފުޓްބޯޅަ ދަނޑު އެއީ އަޅުގަނޑު ވައުދުވީ ކަމެއް، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު މިއޮތީ ފަށާފަ، މަޝްރޫއު ނިމިގެންދާނީ ހުރިހާ ކަމެއް ހިމެނޭ ގޮތައް." ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާގެ ތެރޭގައި ހިމެނޭ އިތުރު ކަންކަން މާޅޮހުގައި ކުރިއަށް ގެންދިޔުމަށް ރާވަފަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ތެރޭގައި ބިން ހަމަޖެހިފަ ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަސައްކަތާއި އައުޓްޑޯ ޖިމެއްގެ މަސައްކަތް މިއަހަރު ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.