ޚަބަރު

މާޅޮހުގައި ގާއިމުކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި


  • މިސްކިތް ނިމޭއިރު ސޯލަރ ހަރުކުރެވި މުޅި މިސްކިތް އޭސީ ކުރެވޭނެ

  • ރުއާން ކިޔަވައިދޭނެ ކުލާސް ރޫމާކާއި އިތުރު ވަސީލައްތައް ޤާއިމްކުރެވިގެން ދާނެ

ބ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާޅޮހުގައި އައު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމަށްޓަކައި މާޅޮހުގައި ބޭއްވި ރަސްމިއްޔާތުގައި މާޅޮހުގެ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަރިހުގައި އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުވެސް ބައިވެރިވެވަޑައިގަތެވެ.

މާޅޮހުގައި ބިނާކުރާ މިސްކިތާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާޅޮހުގައި ބިނާ ކުރާ މިސްކިތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ބިނާކުރެވޭ މިސްކިތެއްކަމަށެވެ. އެ މިސްކިތް ނިމޭއިރު ސޯލަރ ހަރުކުރެވި މުޅި މިސްކިތް އޭސީ ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝަހީމް ވިދާޅުވީ ޤުރުއާން ކިޔަވައިދޭނެ ކުލާސް ރޫމާކާއި އިތުރު ވަސީލައްތައް ޤާއިމްކުރެވިގެން ދާނެކަމަށެވެ.

"މިފަހުން ބިނގާ އެޅިގެންދާ މިސްކިތްތަކަކީ މުހިއްމު ވަސީލައްތައް ޤާއިމްކުރެވިގެން ދާ މިސްކިތްތަކެއް. އުންމީދަކީ މި މަސައްކަތް އަވަހަށް ނިންމާ އެތަން ބޭނުން ކުރެވެން ފެށުން" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއެވެ.

ރަށްރަށުގައި ޒަމާނީ މިސްކިތްތައް ބިނާކޮށް އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވައިދީ، ދީނީ މައުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. 700 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްޤީގެ މިމަޝްރޫއުތަކާކީ އެރަށުގެ ކުރިއެރުމަށްވެސް މުހިއްމު މަޝްރޫޢުތަކެއްކަމަށް ސަރުކާރުން ދެކެވެ.