ކުޅިވަރު

ދޮންފަނުގެ ވޮލީކޯޓާއި، ފުޓްސަލް އަދި ފުޓްބޯޅަދަނޑު ތަރައްގީ ކުރަނީ


ބ.ދޮންފަނުގެ ފުޓްބޯޅަ ދަނޑާއި، ފުޓެސަލް ދަނޑު އަދި ވޮލީކޯޓް ހިމެނޭހެން ކުޅިވަރުގެ ގިނަ މަޝްރޫއުތައް މިއަހަރުތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާއިން ކުރުމަށް ނިންމަވާފައިވާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ފުޓުބޯޅަ ދަނޑު ފުރިހަމަކޮށް، ފުޓްސަލް ދަނޑު ހަދާއިރު ހޭންޑްބޯލް ކުޅެވޭގޮތަަށް ދަނޑު ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

“އެހެންވީމަ އަޅުގަނޑު ވީ ވަޢުދުގެ 4 ކަމެއް ފެށިގެން މިދަނީ، އަދި އެބަހުރި ބައެއް ކަންތައްތައް. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީ ގެންނަން ވާނީ ވަޢުދުވެފައި، އެދާއިރާއިން ފުޓުބޯޅަ ދަނޑު ފެށިފައިވީނަމަވެސް އޮތީ ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމޭގޮތަކަށްނޫން. އަޅުގަނޑުމެން ދަނޑުގެ މަސައްކަތް މިފަށަނީ ހުރިހާކަމެއް ފުރިހަމަވާގޮތަށް. މި މަޝްރޫޢު އަޅުގަނޑުމެން ނިންމާލާނީ ފެންސާ ލައިޓުގެ މަސައްކަތާވެސް އެކީގައި.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދޮންފަނުގައި ފުޓްސަލް ދަނޑެއްވެސް ތަރައްޤީކޮށްދޭނެކަމަށާއި، އެއީ ހޭންޑް ބޯލް ކުޅެވޭގޮތަށް ދެ ކުޅިވަރަށް ޚާއްޞަ ސައިޒުގެ ތަނެއްގޮތަށް ތަރައްޤީކުރާ ތަނެއްކަމަށެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމުގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި، އަންނަ އަހަރު ވޮލީ ކޯޓެއް ތަރައްޤީކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.