ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން އެއަރ އަރަބިއާއަށް ޚިދުމަތް ދޭން ފަށައިފިއެވެ. އެއަރ އަރަބިއާއަކީ އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއަރލައިނެވެ.
އެއަރ އަރަބިއާއަށް ޚިދުމަތް ދޭން ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް، ޓަރމިނަލް 1 ގައި ޙާއްސަ ރަސްމިއްޔާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަރ އަރަބިއާގެ އޮޕަރޭޝަން ފަށާފައިވަނީ ޑިޕާޗަރ ސަރަހައްދުގައި ރިބަން ކެނޑުމާއެކުއެވެ. މި އާއެކު އެ އެއަރލައިނުން ދަތުރު ކުރާ ފަސިންޖަރުން ޗެކިންކޮށް ފުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ.
އެއަރ އަރަބިއާއިން މިހާރު ރާއްޖެއަށް ބާއްވަމުންދަނީ ދުވާލަކު އެއް ދަތުރެވެ. އަދި އަންނަ އޮކްޓޯބަރ މަހުގެ 27 އިން ފެށިގެން ދުވާލަކު ޝެޑިއުލް ދެ ދަތުރު ކުރަން އެއަރލައިނުން ވަނީ ނިންމާފައެވެ.
އައު ޓަރމިނަލުން އެއަރ އަރަބިއާއަށް ޚިދުމަތް ދޭން ފެށުމާއެކު، މިއީ ޓަރމިނަލް 1 އިން ޚިދުމަތް ދޭ ދެވަނަ އެއަރލައިނެވެ. މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ޚިދުމަތް ދޭން ފަށާފައިވަނީ މޯލްޑިވިއަން އެއަރލައިނަށެވެ. އޭގެ ފަހުން މިމަހުގެ ނިޔަލަށް އިތުރު 7 އެއަރލައިނަކަށް ޚިދުމަތް ދޭން ފެށުމަށް މަޝްވަރާތައް ވަނީ ފަށާފައެވެ.
އެއަރ އަރަބިއާގެ އިތުރަށް އައު ޓަރމިނަލުން ޚިދުމަތް ދިނުމަށް މިހާރު މަޝްވަރާ ކުރަމުންދާ އެއަރލައިންތަކަކީ، ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް އެވެ.
މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލަން ނިންމާފައިވަނީ، އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ ބޯޓުތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 7 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.