ޚަބަރު

ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި


  • އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައި

  • މިއަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރާނެ

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމްގެ ޤާއިމްކުރި 44 ވަނަ ރަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިވަޢުދުފުޅާ އެއްގޮތަށް މިއަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ދަނީ ކުރިއަށްގެންދަވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް މިއަދުވަނީ ފަށްޓަވާދެއްވާފައެވެ. މިޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއިވަނީ ހަވާލުކުރައްވާފައެވެ. ހިތާދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޢަބްދުލް އަޒީޒް މުހަންމަދެވެ.

ހިތާދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެއިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލްއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ. މީގެ އިތުރުން، ހިތާދޫގައި ޤާއިމްކުރި އޭޓީއެމްއާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ރައްޔިތުންނާ ވީހާވެސް ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.