ބ. ފެހެންދޫގައި މި އަހަރުގެ ތެރޭގައި ހަތަރު ކުޅިވަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެހެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.  
ކުޅިވަރުގެ ދާއިރާއިން ފެހެންދޫގައި ކުރިޔަށް ގެންދަންހުރި ކަންތައްތަކުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 
އަދި ފުޓްސަލް ދަނޑުގެ ޕިޗް އައު ކޮށްދިނުމާއި ވޮލީ ކޯޓެއް އަޅައިދިނުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެރަށުގައި ގާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއުތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 
”ފުލް ސައިޒުގެ ފުޓްބޯޅަދަނޑެއް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ލައިޓްޖެހުމާއެކީގައި ހުރިހާ ކަމެއް ފުރިހަމަވާ ފުޓްބޯޅަ ދަނޑެއްހަދައި ދިނުމަށާއި އަދި މިރަށުގައި އެޅިފައިވާ ފުޓްސަލް ދަނޑުގެ ޕިޗް އައު ކޮށްދިނުމާއި އަދި ވޮލީކޯޓެއް އަޅައިދިނުމާއި އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކޮށްދިނުމާއި މި ހަތަރު މަޝްރޫއު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ފަށައިދޭނަން“ ރައީސް ވިދާޅުވިއެވެ. 
 
އަދި އައުޓްޑޯ ޖިމެއް އަޅާދެއްވާނެ ކަމަށާއި އެމަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.