ޚަބަރު

އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނުގައިވެސް ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ އަންނާނެ


15 އޮގަސްޓް 2025 ގައި ފަށާ އިނގިރޭސި ޕްރިމިއާ ލީގުގައި، ދިވެހިރާއްޖޭގެ ބްރޭންޑް އަނެއްކާވެސް ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުލަބު ލިވަޕޫލް އެފްސީގެ އެންފީލްޑް ސްޓޭޑިއަމްގައި ދިއްލާލާ ދުނިޔޭގެ ސަމާލުކަމަށް ރާއްޖޭގެ ބްރޭންޑް އަންނާނެ ކަމަށް ވިޒިޓް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނެފިއެވެ.

ވީއެމްސީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޗުތައްބާލާ މިލިއަނަށްވުރެ ގިނަ މީހުންގެ ސަމާލުކަން ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ބްރޭންޑަށް ލިބޭނެ ކަމަށާއި 15 ން ފެށިގެން އަންނަ އަހަރުގެ މެއި 24 އާއި ހަމައަށް ކުޅޭ މެޗުތަކުގައި ރައްޖޭގެ ބްރޭންޑް އެންފީލްޑް ދަނޑުން ފެންނާނެ ކަމަށެވެ.

އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ލައިވް މެޗުތަކާއި ޑިޖިޓަލް މަންސަތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 މިލިއަން ބެލުންތެރިންނަށް ދިވެހިރާއްޖެ އިސްތިހާރުވެގެންދާނެކަމަށް ވީއެމްސީން ބުނެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްއިން ހޮންގ ކޮންގގައި ބޭއްވުނު ލިވަޕޫލް އެފްސީގެ ޕްރީ-ސީޒަން ހަރަކާތްތަކުގައި ބައިވެރިވެ، އޭޝިއާގެ މާކެޓްތަކާއި ފޭނުންނާއި އިތުރަށް ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވީއެމްސީން ބުނެއެވެ. މީގެ އިތުރުން، ފާއިތުވި ހަފްތާގައި ލިވަޕޫލް އެފްސީގެ ފޭން ޑޭޓާބޭސްއިން ދައްކާ ގޮތުގައި ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓަށް ޒިޔާރަތްކުރި މީހުންގެ އަދަދު 400 އިންސައްތަ އިތުރުވެގެންދިޔަ ކަމަށް ވީއެމްސީން ބުނެއެވެ.

މި ކެމްޕެއިންގެ ދަށުން ވެބްސްއިޓަށް ޒިޔާރަތްކުރި މީހުންނަށް ހާއްސަ ލޭންޑިންގ ޕޭޖެއް ފަރުމާކުރެވި، ސިނާޢަތުގެ ޕާޓްނަރުންންނާއި ވީއެމްސީ މެމްބަރުންނަށް ޚާއްސަ ޕެކޭޖްތަކެއް ވަނީ ހުޅުވާލާފައެވެ.

ރާއްޖެއިން ވަނީ މާރޗް 13، 2025 ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލާއި ދެމެދުވީ އެއްބަސްވުމުގެ ދަށުން 2025-2028 ލިވަރޕޫލް އެފްސީގެ ރަސްމީ ޓުއަރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހަމަޖައްސާފައެވެ. މި އެއްބަސްވުމާއެކު 200 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ އިސްތިހާރުވާނެއެވެ.

ލިވަޕޫލް މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ ކެމްޕޭން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް 400 މިލިއަނަށްވުރެ ގިނަ މީހުންނަށް ވާސިލްވިއެވެ. މިއީ ދިވެހިރާއްޖެއަށް މިހާތަނަށް ލިބިފައިނުވާ ވަރުގެ ގްލޯބަލް އެކްސްޕޯޝަރއެއް ކަމަށް ވީއެމްސީން ބުނެއެވެ. 

މި ކެމްޕެއިންގެ ފުރަތަމަ 3 މަސްދުވަހު އެކަނިވެސް އިނގިރޭސިވިލާތާއި ދުބާއީގެ އަރަބިއަން ޓްރެވަލް މާކެޓާއި ކަޒަކިސްތާނު އިންޓަނޭޝަނަލް އެގްޒިބިޝަންގައި ބެހެއްޓުނު ދިވެހިރާއްޖެ އާއި ލިވަރޕޫލް އެފްސީގެ އިސްތިހާރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

އަދި ރާއްޖޭގެ ބްރޭންޑިންގ ލަންޑަނުގެ ދެ ބުރި ބަސްތަކާއި، ދުބާއީގެ 200 އަށްވުރެ ގިނަ ޓެކްސީތަކުގައިވެސް ހަރުކުރިއެވެ.
މައި އެލްއެފްސީ އެޕްގެ ބެނަރތަކާއި ވެބް ޕްލޭސްމަންޓްތަކުގައި ރެކޯޑު އަދަދަކަށް އެންގޭޖްމަންޓް ލިބި، މިހާތަނަށް ނުދެކޭވަރުގެ ޝައުޤުވެރިކަމެއް އުފެދުނެވެ.

މިއީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއް ނޫންކަމަށާއި މިއީ ފުޓްބޯޅައާއި، ޤައުމީފަޚުރާއި ޤައުމީވަންތަކަމާ ގުޅިފައިވާ ކަމެއްކަމަށްވެސް ވީއެމްސީން ބުނެއެވެ.

އެގޮތުން ރާއްޖޭގައިވެސް އެލްއެފްސީ ފޭން ޒޯން ތަޢާރަފުކޮށް ހުޅުމާލޭގައި ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލުގައި ލިވަޕޫލްގެ ލެޖެންޑް ޑެރކް ކައުޓް ބައިވެރިވެ، ފުޓުބޯޅައިގެ ސަޕޯޓަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރިއެވެ.