ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމުގެ ސަބަބުން އެތުލީޓުންނަށް އިތުރު ކާމިޔާބީތައް ހޯދުމަށް އިތުރު ހިތްވަރެއް ލިބެގެންދާ ކަމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހީމް ރަމީޒް (އިބޭ) ވިދާޅުވެއްޖެއެވެ. 
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިބްރާހިމް ރަމީޒް ވިދާޅުވީ ސްޕެޝަލް އޮލިމްޕިކްސްއިން ވަރަށް ގިނަ ކާމިޔާބީތަކެއް ފާއިތުވި ހަތަރުވަރަކަށް އަހަރު ރާއްޖޭގެ އެތުލީޓުން ހޯދި ކަމަށާއި އެހެންނަމަވެސް އެކާމިޔާބީތައް ގިނަބަޔަކަށް ނޭންގިދާނެ ކަމަށެވެ. 
ރަންމެޑަލްތަކާއި ރިހި އަދި ލޯ މެޑަލްވެސް ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖެއަށް ލިބިފައިވާކަމަށާއި، އެހެންނަމަވެސް އެ ކާމިޔާބީތައް އަރުޝީފުކުރެވިފައި ނެތްނަމަ އެކަންކަން ނޭންގޭނެ ކަމަށް އިބްރާހިމް ރަމީޒް ވިދާޅުވިއެވެ. 
އެހެންކަމުން އަރުޝީފުގެ ތެރެއިން މި މައުލޫމާތު ލިބެން ހުރުމަކީ އެތުލީޓުންނަށް އިތުރު ކާމިޔާބީތައް ހޯދުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.   
އަރޝީފުކުރަން ފެށުމުން، ގިނަ ބަޔަކަށް ކުރިން ނޭންގި ހުރި ކުޅިވަރުގެ ކާމިޔާބީތައް އެނގިގެންދާނެކަމަށާއި ކުރީގެ ކާމީޔާބީތަކާއި ގުޅޭ ފޮޓޯތައް ފެންނުމަކީ އެންމެން އެކަތިގަނޑަކަށް ހެދުމުގެ ވަރަށް ބޮޑު ހިތްވަރަކަށްވެގެންދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، މިއީ އެތުލީޓުންނަށް ރަނގަޅު ފިލާވަޅުތަކެއްވެސް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 
އަދި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމާއި ކުޅިވަރު ވަޒީރުންގެ އަގުވަޒަން ކުރުމަށް ބޭއްވި ޖަލްސާއަކީ ވަރަށް އުފާވެރި ފެށުމެއް ކަމަށާއި، އެކި ފިކުރުތައް އެއްކިބާކޮށް އެއްބައެއްގެ ގޮތުގައި ހުރިހާ ވަޒީރުން ކަހަލަ ގޮތަކަށް އެއް ސްޓޭޖަކުން ފެނުމަކީ އުފާވެރި މަންޒަރެއް ކަމަށް އިބްރާހިމް ރަމީޒް ފާހަގަ ކުރެއްވިއެވެ. 
ކުޅިވަރަކީ އެންމެ އެއްބައިވަންތަ ކުރުވާ ކަމެއްކަމަށާއި، ކުޅިވަރުގެ ކާމިޔާބީތައް ފޮޓޯތަކުން ފެންނަން ހުރުމަކީވެސް އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. 
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާއިން އެކިއެކި ތެރަޕީތައް ދިނުމާއި ހެލިފެލިވެ އުޅުންފަދަ ކަންކަމަށް ފުރުސަތު ފަހިކޮށްދިނުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. 
ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖޭން ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި 2023 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބެޑްމިންޓަނުން ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދިއެވެ. އަދި 100 މީޓަރު ދުވުމުން އައިޝަތު ލައިކާ ހަސަން ރަން މެޑެލް ހޯދިއެވެ. އަދި ހަމަ އެ މުބާރާތުން ރާއްޖޭގެ ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް، އެތުލެޓިކްސްގެ 200 މީޓަރު އިވެންޓުން ލޯ މެޑެލް ހޯދިއެވެ.