ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފި


  • މިޚިދުމަތާއެކު ބ.އަތޮޅު ހޮސްޕިޓަލުގައި އަންހެނުންގެ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެ

  • މެމޮގްރަފީގެ ޚިދުމަތާއެކު ކެންސަރ ސްކްރީނިންއަށް މާލެއަށް އައުން ނިމުމަކަށް އަންނާނެ

ސިއްޙީ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިފިއެވެ. މިޚިދުމަތް އެހޮސްޕިޓަލުގައި އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފައްޓަވާދެއްވާފައިވާއިރު، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ޤައުމެކެވެ. ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިންވެސް ރާއްޖޭގައި އެންމެ އާންމު ކެންސަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އޭދަފުށީގައި މެމޮގްރަފީގެ ޚިދުމަތް ފެށިގެންދިޔުމާއެކު އެސަރަޙައްދުގެ ރައްޔިތުން އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެއެވެ. އަދި މިޚިދުމަތާއެކު އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް އޭދަފުށީގައި އިތުރު ހަރުފަތަކަށް ޖެހިގެންދާނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. މިޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސްވަނީ މެމޮގްރަފީގެ ޚިދުމަތް ދިނުމަށް ހަމަޖައްސަވާ އުރަމަތީގެ ކެންސަރ ސްކްރީނިން ކޮޓަރި ބައްލަވާލައްވާފައެވެ.

ކެންސަރު ބައްޔަކީ ދުރާލާ ދެނެގަނެވިއްޖެނަމަ ޒަމާނީ ބޭހާއެކު ފަރުވާދީގެން ރަނގަޅުކުރެވޭ ބައްޔެކެވެ. އެހެންކަމަށްވުމާއެކު ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް މިބަލި ދުރާލާ ދެނެގަނެވޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ޤާއިމުކުރެވުމާއެކު ދުރާލާ އުރަމަތީގެ ކެންސަރަށް އެހޮސްޕިޓަލުގައި ސްކްރީންކުރެވޭނެއެވެ. އެހޮސްޕިޓަލުގައިވަނީ މެމޮގްރަފީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްފައެވެ.