މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަމުންދާއިރު، މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވެއެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓާއި ކައުންސިލްތައް ޒިންމާދާރުވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ ޤާނޫނޫގައި ކަނޑައަޅުއްވާފައި އޮންނަގޮތަށް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކުގެ އިތުރުން، ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޚަރަދުކުރުމަށް ދޫކުރާ ފައިސާކަމަށެވެ. މިގޮތުން މިދިޔަ އަހަރު ކައުންސިލްތަކަށް ޖުމްލަ 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު ކައުންސިލްތަކުގެ އެކައުންޓްތަކުގައި ޚަރަދުނުކޮށް 1.4 ބިލިޔަން ރުފިޔާ ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"މިފައިސާ ކައުންސިލްތަކަށް މިދެނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް. އެހެންވީމަ އެފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް. ރައްޔިތުންނަށް ހެޔޮ ކަންކަން ކޮށްދޭން. ޤާނޫނުގައި ބުނާ މުނިސިޕަލް ޚިދުމަތްތައް ރަނގަޅު ކޮށްދިނުމަށް. އެކަމަކު އަހަރު ނިނުމުއިރު ދެބައިކޮށްފައި އެއްބައި ޚަރަދުނުކޮށް މިހުރީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިރުވެސް ބްލޮކް ގްރާންޓަށް ދޫކުރި ފައިސާގެ ބޮޑު ބައެއް ރައްކާކުރަމުން އަންނަކަމަށެވެ. ނަމަވެސް އެފައިސާ ރައްކާކުރަނީ ކޮން ބޭނުމެއްގައިކަންވެސް ކައުންސިލްތަކުން ހާމަނުކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ބޭކާރު ޚަރަދުތައް ކުރާކަމަށެވެ. ރައީސް ވަނީ އެފަދަ ކަންކަން ނުކުރުމަށާއި ސަރުކާރުން ދޫކުރާ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.