އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކޮށްފިއެވެ.
މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިއަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާއި ގުޅޭ ތަފާސްހިސާބުތަކަށާއި، ވީއައިއޭ އައު ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭއިން ނެރުނު ރިޕޯޓުގައި، މި އަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1،108،130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1,015,527 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.1 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުގެ އިތުރަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ އަދަދު ނުވަތަ ބެޑްނައިޓްސްވެސް ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަތުރުވެރިން ހޭދަކުރި ޗުއްޓީގެ ދުވަސްތަކުގެ އަދަދު އުޅެނީ 6،892،533 ގައި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 1.2 އިންސައްތަ އިތުރު އަދަދެކެވެ.
މެއި މަހު އެ އޮތޯރިޓީން ތައްޔާރުކުރި އަންދާޒާތަކަށް ބަލާއިރު މި އަހަރުގެ ނިޔަލަށް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 2.2 މިލިޔަން ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ޒިޔާރާތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވައި އެ ޓާމިނަލުން ޚިދުމަތް ދޭން ފަށާފައިވާއިރު، އެކަމުގެ ހެޔޮ އަސަރު އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ. އެގޮތުން އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ އަންދާޒާކޮށްފައެވެ.
އަދި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 4.5 އިންސައްތައާއި 5.6 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ.