ކުޅިވަރު

ޓާ ސްޓެގަންގެ ނަންބަރު ރަޖިސްޓަރ ނުކޮށް، ކުބާސީއަށް ފަހެއް


ބާސެލޯނާއިން ފިޔަވަޅު އަޅަން ނިންމާފައިވާ ކެޕްޓަން އަދި ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަންގެ ޖާޒީ ނަންބަރު ކަމަށްވާ އެކެއް އޭނާގެ ނަމުގައި ސްޕެނިޝް ލީގުގައި ރަޖިސްޓަރ ނުކޮށް ދޫކޮށްލަން ބާސެލޯނާއިން ނިންމައިފިއެވެ.

މީގެ އިތުރުން ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ކާލޮސް ޕުޔޯލް އާއި ސާޖިއޯ ބުސްކެޓްސް ބޭނުންކުރި ފަސް ނަންބަރު ޖާޒީ ވަނީ ޒުވާން ޑިފެންޑަރު ޕައު ކުބާސީއަށް ދީފަ އެވެ. އޭނާ ކުރިން ލަމުން އައީ 2 ނަންބަރު ޖާޒީ އެވެ. ބާސެލޯނާގެ ފަސް ނަންބަރު ޖާޒީ ހުސްވީ އެ ނަންބަރުގައި ހުސްވި ސީޒަނުގައި ކުޅުނު އިނިގޯ މާޓިނޭޒް ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވުމުންނެވެ. މިހެންވެ 2 ނަންބަރު ޖާޒީ ކަނާތު ބެކް ހޫލްސް ކޫންޑޭ ނުވަތަ ސެންޓްރަލް ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސެން ފަދަ ކުޅުންތެރިއަކަށް ވެސް ދީފާނެ ވަނީ ބެލެވިފަ އެވެ.

ސްޕެނިޝް ލީގުން ވަނީ ބާސެލޯނާއިން ޓާ ސްޓެގަން ޖާޒީ ނަންބަރު އެކެއްގެ ގޮތުގައި ރަޖިސްޓަރ ނުކުރާކަން ޔަގީންކޮށްދީފަ އެވެ. މިއާއެކު މި ނަންބަރު ދިނުން އެންމެ ގާތީ މި ސީޒަނުގައި ޓީމަށް ގެނައި ސްޕޭނުގެ ޒުވާން ކީޕަރު ޖޯން ގާސިއާއަށް ކަމަށް ވެއެވެ. ގާސިއާ އަކީ ހުސްވި ސީޒަނުގައި އެސްޕނިޔޯލް އަށް ކުޅެ ސްޕެނިޝް ލީގުގައި އެންމެ މޮޅަށް ކުޅުނު އެއް ކީޕަރެވެ.

ޓާ ސްޓެގަން އަތުން އޭނާ ފާއިތުވެދިޔަ 10 އަހަރު ބޭނުންކުރި އެއް ނަންބަރު އަތުލައިފިނަމަ އޭނާ އަށް ދޭން ކަމަށް މީޑިއާތަކުން ލަފާ ކުރަނީ ޖާޒީ ނަންބަރު 12 ނުވަތަ 13 ނޫނީ 25 ކުރެ އަދަދެކެވެ.
އޭނާ ނަންބަރު އަތުލަން ނިންމީ ކެޕްޓަންކަން އަތުލިތާ އެއް ދުވަސް ފަހުންނެވެ.

ބާސެލޯނާއިން އޭނާއާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމީ ސްޕެނިޝް ލީގަށް ހުށަހަޅަން ޖެހޭ މެޑިކަލް ރިޕޯޓްސްތަކުގައި ސޮއި ނުކުރުމުންނެވެ. ކެޕްޓަންކަން އަތުލުމުން އޭނާގެ ނިންމުމުން ބަދަލުކޮށް ރިޕޯޓްތަކުގައި ސޮއިކުރި ނަމަވެސް ކުލަބުން ދެކެނީ މިއީ އަލަށް ޓީމަށް ގެނައި ކުޅުންތެރިން ހާއްސަކޮށް ކީޕަރު ޖޯން ގާސިއާ ރަޖިސްޓަރ ކުރަން ހުރަސް އެޅުމުގެ ގޮތުން ކުލަބަށް ޖެއްސުން ކުރަން ކުރި ކަމެއްގެ ގޮތުގަ އެވެ. އެއީ އޭނާ އަށް ކުރިއަށް އޮތް ސީޒަނުގައި އެއްވަނަ ކީޕަރުކަން ނުދޭން ނިންމާފައިވާތީ އެވެ.

ހުސްވި ސީޒަނުގައި އަނިޔާގެ ސަބަބުން ނުކުޅެ ހުރި ޓާ ސްޓެގަން ވަނީ ނިމިދިޔަ ހަފުތާގައި އުނގަނޑުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މިއީ ވެސް ބާސެލޯނާއިން އޭނާ އެހެން ކުލަބަކަށް ފޮނުވާލަން ބާރު އަޅަމުން ދިއުމާއި އެއްވަނަ ކީޕަރުކަން ނުދޭން ނިންމުގެ ސަބަބުން ކުއްލި ގޮތަކަށް އޭނާ ނިންމި ނިންމުމެކެވެ. އަދި އޮޕަރޭޝަނުގެ އެއްވެސް ކަމެއްގައި ބާސެލޯނާގެ މެޑިކަލް ޓީމަށް ބައިވެރިވާން ފުރުސަތު ނުދިނެވެ.