ނިއުކާސަލް ދޫކޮށް ދާން ބޭނުންވެފައި ހުރުމުން ކުރިމަގާމެދު ވަކި ގޮތެއް ނުނިމެނީސް ނިއުކާސަލްގެ ޓީމާއެކު ފަރިތަ ނުކުރެވޭނެ ކަމަށް އެކުލަބުން ފޯވަޑް އެލެކްޒެންޑާ އިސާކަށް އަންގައިފި އެވެ.
އިސާކް ދާން ބޭނުންވެގެން އުޅެނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށެވެ. އެ ކުލަބުން ވަނީ އޭނާ ގަތުމަށް 120 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ނަމަވެސް ނިއުކާސަލްއިން މި އަގު ގަބޫލެއް ނުކުރި އެވެ. ކުލަބުން ބޮޑަށް ބޭނުންވަނީ އޭނާ މަޑުކުރުވާށެވެ.
ނަމަވެސް އިސާކް ވަނީ ނިއުކާސަލް ޕްރީ ސީޒަން މެޗުތަކެއް ކުޅެން ސިންގަޕޫރާއި ސައުތު ކޮރެޔާ އަށް ކުރި ދަތުރު ކެންސަލްކޮށްފަ އެވެ. ފަލަމަސްގަނޑަށް އަނިޔާވެއްޖެ ކަމަށް ބުނެ އޭނާ މި ދުވަސްވަރު އުޅުނީ ކުރީގެ ކުލަބު ސްޕޭނުގެ ރެއާލް ސޮސިއެޑާޑްގެ ޓްރޭނިން ސެންޓަރުގަ އެވެ.
އޭގެ ފަހުން ނިއުކާސަލް އަށް އޭނާ އެނބުރި އައި ނަމަވެސް ކުލަބުން ބޭނުންވަނީ ޓީމާ ވަކިން އޭނާ ޕްރެކްޓިސް ކުރުމަށެވެ. މިހެންވެ އިއްޔެ އޮތް އެ ކުލަބުގެ ފަރިތަކުރުންތަކަށް އޭނާ ދިޔައީ ސީނިއާ ޓީމު ފަރިތަކޮށް ނިމުމުން ހަވީރު 3:30 އަށެވެ.
އިސާކް ވަނީ އޭނާ ލިވަޕޫލަށް ދާން ބޭނުންވާ ވާހަކަ ނިއުކާސަލް އަށް އަންގައިފަ އެވެ. ނަމަވެސް ކުލަބުން އޭނާ ދޫކޮށްނުލައި ހިފަހައްޓަނީ ދެ ސަބަބަކާ ހުރެ އެވެ. އެއީ އޭނާގެ ބަދަލުގައި މޮޅު އެހެން ފޯވަޑެއް ނުލިބުމުންނެވެ. އެ ކުލަބުން މަސައްކަތް ކުރީ ޖަރުމަނުގެ ލައިޕްޒިގް ބެންޖަމިން ސެސްކޯ ގެނައުމަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ ގަތުމަށް ބާރު އަޅާތީވެ މި ޑީލް ނިންމަން ނިއުކާސަލް އަށް ވަނީ ދަތިވެފަ އެވެ. އިސާކް ވިއްކާނުލަން ނިއުކާސަލް ބޭނުންވާ އަނެއް ސަބަބަކީ ހުސްވި ސީޒަނުގައި އޭނާ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހާފައިވުމާއި އެ ކުލަބުގެ މި ސީޒަނުގެ ޕްލޭނުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ވެސް އޭނާ ކަމަށް ވާތީ އެވެ.