ކުޅިވަރު

ނޫނޭޒް އަލް ހިލާލަށް، ލިވަޕޫލަށް 63 މިލިއަން ޑޮލަރު


އުރުގުއޭގެ ފޯވަޑް ޑްރަވިން ނޫނޭޒް 63 މިލިއަން ޑޮލަރަށް ސައޫދީ އަރަބިއާގެ އަލް ހިލާލަށް ވިއްކާލަން ލިވަޕޫލުން ނިންމައިފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުން އޭނާ ވިއްކާލަން ނިންމީ ކުޅުންތެރިޔާ ވެސް އެކަމަށް ބޭނުންވުމުންނެވެ. ނަމަވެސް އޭނާ ގަތުމަށް އިޓަލީ އާއި އިނގިރޭސި ކުލަބުން ތަކުގެ ހުށަހަޅި ޕްރޮޕޯސަލްތައް ލިވަޕޫލުން ވަނީ ގަބޫލު ނުކޮށްފަ އެވެ.

ޕޯޗުގަލްގެ ބެންފީކާއިން 2022 ވަނަ އަހަރު ލިވަޕޫލަށް ނޫނޭޒް ބަދަލުވީ 85 މިލިއަން ޑޮލަރަށެވެ. އޭނާ ވަނީ 143 މެޗުން ލިވަޕޫލަށް 40 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް ފާއިތުވެދިޔަ ސީޒަނުގައި އޭނާ އަށް އެންމެ އެކަށީގެންވާ ކުޅުން ދެއްކިފައިނުވެ އެވެ. ގިނަ މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނޫނޭޒް ލިވަޕޫލް ދޫކޮށްލަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ވެސް މިއީ އެވެ. އޭނާ ގަތުމަށް އެންމެ ބޮޑަށް ބޭނުންވީ ދެ ޓީމަކީ އިޓަލީގެ ޗެމްޕިއަން ނަޕޯލީ އާއި އޭސީ މިލާނެވެ.

ނޫނޭޒް ވިއްކާލެވިއްޖެނަމަ ލިވަޕޫލުން އަނެއްކާ ވެސް ޓްރާންސްފާ މާކެޓުގައި ހަރަކާތްތެރިވާނެ އެވެ. އެއީ ފޯވަޑެއް ގަތުމަށެވެ. އެ ކުލަބުން އެންމެ ބޭނުންވެގެން އުޅޭ ފޯވަޑަކީ ނިއުކާސަލް އަށް ކުޅޭ ސްވިޑްންގެ ފޯވަޑް އެލެގެޒެންޑާ އިސާކެވެ. ކުޅުންތެރިޔާ ލިވަޕޫލަށް ކުޅެން ބޭނުންވި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ނިއުކާސަލް އިން އޭނާ ވިއްކާލަން ބޭނުންނުވާތީ އެވެ. ސަބަބަކީ އެ ފަދަ އެހެން ފޯވަޑެއް އެ ކުލަބަށް ހޯދިފައި ނުވުމުންނެވެ. އިސާކް ގަތުމަށް ލިވަޕޫލުން ވަނީ 120 މިލިއަން ޑޮލަރަށް ބިޑްކޮށްފަ އެވެ. ނިއުކާސަލް އިން މި ހުށަހެޅުމެއް ބުނީ ނޫނެކޭ އެވެ.