ނެޓްބޯޅައިގެ ގްރާސް ރޫޓުގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމައްޓަކައި ޖުނިއަރ ކުދިންނަށް އަމާޒުކޮށްގެން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވެއްޖެއެވެ.
އެސޯސިއޭޝަނުގެ އެންމެ ބޮޑު ވިސްނުމަކީ އެކި އުމުރު ފުރާތަކުގެ ޓީމުތައް އުފެއްދުން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގައި ކުރިއަށް ދިޔުމައްޓަކައި ވަސީލަތްތަކުގެ ދަތިކަމުގެ ހިޔަނި ނެޓްބޯޅައަށް ވެސް އެޅިފަވާކަމަށެވެ. އެހެން ނަމަވެސް މައިގަނޑު އެންމެ ބޮޑު ވިސްނުމަކީ ނެޓްބޯޅައިގެ ޓީމުތަކެއް ބިނާކޮށް ތަރައްގީ ކުރުން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ވިސްނާފަ މިހުރީ ބަހާލައިގެން ހަމަ ޑިވަލޮޕްމެންޓް ސްކޮޑުތަކެއް ހަދަން، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ" ފަޒްނާ ވިދާޅުވިއެވެ.
ނެޓްބޯޅައިގެ ޓީމުތަކެއް އުފައްދާ ޓީމުތަކުގެ ތަމްރީންތައް ކޮންމެ ހަފްތާއަކު ތިންފަހަރު ބޭއްވުމަކީ އެންމެ ބޮޑު ބޭނުންކަމަށާއި އަލަށް އުފެދިގެންދާ ސްކޮޑުތަކުން ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާރަކަށް ވެގެންދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
މި ޓީމުތަކުން ރަނގަޅު ކުޅުންތެރިން ބިނާވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ގައުމީ ޓީމުން ރަނގަޅު އަސަރުފެނިގެން ދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. މިހާރު ގައުމީ ޓީމަށް ކުޅުންތެރިޔަކު ނަގާ ހިސާބުން އަލުން ބޭސިކުން ފަށަން ޖެހޭ ފަހަރު ވަރަށް ގިނަ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"ވެދާނެ ފަހަރެއްގައި ސްކިލްސްތަކަށް ކޯޓުގެ ދަތިތަކާ ހެދި ފަހަރެއްގައި ތަފާތު އަންނަނީ ކަމަށް ވެސް، ބޭނުންވާ ވަރަށް ޓައިމް ނުލިބި މިކަންކަން ނުވަނީ ކަމަށް ވެސް." ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ މިއީ އެސޯސިއޭޝަންގެ ވަރަށް ބޮޑު އިސްނެންގެވުމެއް ކަމަށާއި މި ޓީމުތަކުގެ ސަބަބުން އެކަޑަމީތަކުގެ ހަރަކާތްތަކަށް ބަދެލެއް ނާންނެ ކަމަށެވެ.
އެސޯސިއޭޝަނުން މި މަސައްކަތުގައި ބޭރުގެ ތަޖުރިބާކާރު ކޯޗެއް މި ޓީމުތަކަށް އެހީތެރިވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަމާޒަކީ ޓީމުތަށް އެކުލަވާލެވި މިމަހުގެ ތެރޭގައި ތަމްރީންތައް ފެށުން ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.