ޚަބަރު

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފ. ނިލަންދޫގައި


  • މި ތަމްރީން ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް

  • ޖުމްލަ 11 މީހުން ވަނީ ބައިވެރިވެފައި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފ. ނިލަންދޫގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 11 މީހުން ވަނީ ބައިވެރިވެފައެވެ. އެއީ 6 އަންހެނުންނާއި 5 ފިރިހެނުންނެވެ. މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދޭނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ ތިން މުވައްޒަފުންނެވެ.

މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ދަނީ މިފަދަ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަމުންނެވެ.