ފާއިތުވި 15 އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމައިފިއެވެ. މީރާއިން މިގޮތައް ނިންމާފައިވަނީ އެ އޮޓޯރިޓީގެ 15 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ.
މީރާއިން ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތެރޭގައި މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ފަރާތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމާފައިވާކަމަށެވެ. މި އެވޯޑް ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ އަގު ވަޒަންކުރުންކަމަށް މީރާއިން ވަނީ ބުނެފައެވެ.
ރަން ފަނަރަ އެވޯޑް ދޭނީ މީރާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ. މި އެވޯޑް ދޭނީ 1 ޖަނަވަރީ 2011 އިން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ފަރާތަކަށެވެ.
"ރަން ފަނަރަ" އެވޯޑާއި ގުޅޭ އެންމެހައި ކަންތައްތައް ވިލަރެސްކޮށް ކުރިއަށް ގެންދާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަންކުރާ ކޮމެޓީއަކުންނެވެ.
ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ދައްކާފައިވާ އެއްވެސް އަދަދެއް އެ ފަރާތަށް ރިފަންޑްކޮށްދީފައިވާނަމަ ރީފަންޑްކޮށްދިން އަދަދަކީ އެ ފަރާތުން ދައްކާފައިވާ ފައިސާގެ ގޮތުގައި ނުބަލާނެކަމަށް މީރާއިން ބުނެއެވެ.
ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރޭގައި މީރާއަށް ލިބޭ ޓެކްސް ދައްކާ ފަރާތުގެ މައުލޫމާތަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ހާމަކުރުން މަނާ މައުލޫމާތުކަމަށްވާތީ ރަން ފަނަރަ އެވޯޑް ދިނުމުގެ ކުރިން އެ އެވޯޑް ލިބިގަތުމާއިމެދު އެ އެވޯޑް ހައްޤުވާ ފަރާތްތަކުގެ އިޢުތިރާޒެއް ނެތްކަން އެވޯޑް ކޮމިޓީން ލިޔުމުން ޔަޤީންކުރާނެކަމަށް މީރާއިން ވަނީ ބުނެފައެވެ.