ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް މިފްކޯއާއެކު އެއްބަސްވުމެއް


  • މަސައްކަތްކުރާ ތަނަކީ އެކަށީގެންވާ ތަންތަނެއްކަން ޔަޤީންކުރާނެ

  • ވަޒީފާގެ ގިނަ ފުރުޞަތު ހޯދައިދިނުމަށް ދަނީ މަސައްކަތްކުރަމުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންނަށް، އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއާ ދެމެދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމަށް ކުރާ މަސައްކަތުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުންތަކަށް ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ މީހުންނަށް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރައްވާނެކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން އެމީހުންގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. އަދި މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެއްކަމުގައި އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ކެއަރ ސޮސައިޓީއާއި އެ ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ 'ޖޮބް ރެޑިނަސް' ޕްރޮގްރާމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް އެ ވުޒާރާއިން ކުރިއަށް ގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ފުރަތަމަ ބުރު 2024 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ދެވަނަ ބުރު މިއަހަރު ވަނީ ފަށާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެއްކަމަކީ، މަސައްކަތުގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާޙައުލަކަމަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލުގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމި ނިންމުމެވެ. އަދި މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލުގެނެވެން ހުރި އޮފީސްތަކުގައި އެ ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.