ޚަބަރު

ޓެކުހާ ގުޅޭ ކުށްތަައް ތަފްސީލުކުރުމާއެކު، އަދަބު ބޮޑުކުރުމަށް އިޞްލާހެއް


  • މިހާރު ގޭ ބަންދުކުރުމަށް އޮތް އަދަބުތައް ޖަލަށްލެވޭ ގޮތަށް އިސްލާހު ހުށައަޅާފައިވޭ

  • ބައެއް ކުށްތަކަށް ޖޫރިމަނާގެ އަދަދުތައްވެސް ކަނޑައަޅާފައިވޭ

ޓެކުހާ ގުޅުންހުރި ކުށްތަަކަށް ދެވޭ އަދަބުތައް ބޮޑުކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށައަޅައިފިއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ. އަދި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާޙުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ މަޤްޞަދެކެވެ. މީގެއިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުމަށް ޤާނޫނު އިސްލާހުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ ބޭނުމެކެވެ.

އައު އިސްލާހުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ދީފައިވަނީ ބަނޑާރަނައިބުގެ ބަދަލުގައި މީރާއަށެވެ.

މި ބިލުގައި ޓެކުހާ ގުޅޭ އެކިއެކި ކުށްތައް ތަފްސީލްކުރުމާއެކު ކުށުގެ އަދަބުތައް ބޮޑުކޮށްފައިވެއެވެ. އެ ގޮތުން މިހާރު ޤާނޫނުގައި ހިމަނާފައިނުވާ ބައެއް ކަންކަން ކުށުގެ ގޮތުގައި އައު އިސްލާހުގައި ހިމަނުއްވާފައިވެއެވެ. އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މަޢުލޫމާތެއް ހިމެނުމަށް ހުއްދަ ދިނުމާއި ހިމަނަންޖެހޭ މަޢުލޫމާތެއް ނުހިމެނުމަށް ހުއްދަ ދިނުނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް ބެލެހެއްޓުން ހުއްދަކުރުން ކުށުގެ ގޮތުގައި ހިމެނެއެވެ. އަދި ޓެކްސްގެ ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަކުރުންވެސް ހިމެނެއެވެ. މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރޭގައެވެ.

މިފަދަ ކުށެއްކޮށްފިނަމަ މިހާރު އޮންނަ އަދަބަކީ 3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނަމަވެސް އައު އިސްލާހުގައި އޮންނަ ގޮތުން 3 މަސްދުވަހާއި 2 އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށްވެސް ބައެއް ބަދަލުތައް ގެނެސް، ކުށްތައް އިތުރަށް ތަފްސީލުކޮށްފައިވެއެވެ. އެގޮތުން ޓެކްސް ބަޔާނާއި ޓެކްސް ބަޔާނާއެކީ ހުށައަޅަންޖެހޭނެކަމަށް ޓެކްސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށައަޅަންޖެހޭ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީވެސް ކުށެކެވެ. އަދި މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގައި މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީވެސް ކުށެކެވެ.

މިއިން ކުށެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި މިހާރު އޮންނަނީ 1 މަސް ދުވަހާ 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނަމަވެސް މިހާރު 250،000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ކުށް ކުރި ފަރާތް ޖޫރިމަނާކުރުމާއެކު 1 މަސް ދުވަހާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިހާރު އޮންނަ ގޮތުން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ޤާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީޚުން ފެށިގެން ގިނަވެގެން 2 އަހަރު ދުވަސްވުމުންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އައު އިސްލާހުގައި އޮންނަ ގޮތުން ޓެކްސް ބަޔާނާއި ޓެކްސް ބަޔާނާއެކީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ޤާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދެއްކުމުގެ ތެރެއިން ކަމެއްކޮށްފިނަމަ، ފިޔަވަޅު އެޅުމަށް އޮންނަ 2 އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެ، މުއްދަތުގެ ކުރިން ފިޔަވަޅު އެޅޭނެއެވެ.

މި ބިލު ޤާނޫނަކަށްވާނީ ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.