ޚަބަރު

މިދިޔަ ހަފްތާގައި 1314 ކޮންޓެއިނަރު ހުސްކުރި، ގިނައީ ފިޔައާއި ބިސް


  • 20 ފޫޓު އަދި 40 ފޫޓުގެ ކޮންޓެއިނަރ ހިމެނޭ

  • މުދާ އަވަހަށް ކުލިއަރ ކުރުމަށް މަސައްކަތްކުރޭ

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފްތާގައި 1314 ކޮންޓެއިނަރ ކްލިއަރކޯށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ.

މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 1314 ކޮންޓެއިނަރ ވަނީ ކްލިއަރކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ 500 ކޮންޓެއިނަރއާއި 40 ފޫޓުގެ 407 ކޮންޓެއިނަރ ހިމެނެއެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެއީ 16،988 ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ 13،096 ބަސްތާއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކްލިއަރކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް:

* ކަރާ: 7،437 ކޭސް
* އަލުވި: 5،538 ބަސްތާ
* ޓޮމާޓޯ: 3،888 ކޭސް
* އަލަނާސި: 3،181 ކޭސް
* ކެބެޖު: 2،920 ކޭސް
* ދޮންކެޔޮ: 2،6،34 ކޭސް

ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން ފަސޭހަކަމާއެކު މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.