ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެގޮތުން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށް ޖަމާކުރަން ފަށައިފިއެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އަދި އެމަނިކުފާނު އެކަން އިޢުލާންކުރެއްވީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް މިހާރު ބޮޑު ކުރެވިފައިވާކަމަށެވެ. އެގޮތުން ކުރިން ޙާފިޒުންނަށް ސަރުކާރުން ދެމުން ދިޔަ 2000 ރުފިޔާގެ އެލަވަންސް މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ޙާފިޒުންނަށް ދޭ އެލަވެންސް ދެ ގުނަ ކުރުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދަނީ މި ދާއިރާ ކުރިއަރުވުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމެވެ.
ކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުން މަދު ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާތީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން ކުރެވޭ ހޭދަޔާއި ދެވޭ އިނާމަށް ކުރާ ހޭދަ އިތުރުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.
މިކަންކަމާއެކު، ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މިދިޔަ އަހަރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެމްކިޔުއޭއާއެކު މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކަށް ފަހު މިހާރުވަނީ، ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ފައްތާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޘުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.