ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެކި ދުވަސްވަރު މަތިން އެކި ގޮތްގޮތަށް މިވާހަކަ އަޑުއިވޭއިރު، ރާއްޖޭގައި މިވާހަކަ އެންމެ ބޮޑަށް ދެކެވޭނީ ރަމަޟާންމަހާ ދިމާކޮށެވެ. އެނޫން ދުވަސްތަކުގައިވެސް ވަކި ބާވަތެއްގެ އަގު ކުއްލިއަކަށް އުފުލިއްޖެނަމަ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.
ތަކެތީގެ އަގުތައް އުފުލޭ ވާހަކަ ދައްކާއިރު، އާންމު ގޮތެއްގައި ތަކެތީގެ އަގުއުފުލޭ ސަބަބުތަކަށްވެސް ބަލާލަން ޖެހެއެވެ. އާންމުކޮށް އަގު ބޮޑުވެގެން ގިނަ ބައެއްގެ ކަންބޮޑުވުން އަންނަނީ ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތީގައެވެ. މި ބާވަތްތައް ނުވަތަ އެނޫންވެސް ބާވަތެއްގެ އަގު ބޮޑުވާ ގިނަ ސަބަބުތަކެއް ހުރެއެވެ.
މީގެ ތެރޭގައި އެ ބާވަތެއް ހައްދާ ނުވަތަ އުފައްދާ ޤައުމަކަށް މޫސުމީ ކާރިސާއެއްގެ ސަބަބުން ދަނޑުބިންތައް ހަލާކުވުން ނުވަތަ އުފައްދަން އަމާޒު ހިފާ މިންވަރަށް ނުއުފެއްދުން ހިމެނެއެވެ. މީގެ އިތުރުން މޫސުން ގޯސްވެއްޖެނަމަ ދަތުރުފަތުރަށް ހުރަސް އެޅި، އެއް ޤައުމުން އަނެއް ޤައުމަށް މުދާ ފޮނުވުމާއި ގެންނަ މުދާ ބޭލުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. މިނޫންވެސް ވަކި ދުވަސްވަރެއްގައި އާންމުކޮށް ހެދޭ ބާވަތްތައް އެ ނޫން ދުވަސްތަކުގައި ހުންނަނީ އަގު ބޮޑުވެފައެވެ. މިފަދަ ކަންކަމަކީ ވަކި މީހެއްގެ ބާރުން ކުރާ ނުވަތަ ދިމާވާ ކަންކަމެއް ނޫންކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.
ދާދިފަހުން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލިގެން ދިޔައިރު، އޭގެ މައިގަނޑު ސަބަބަކަށްވީ މޫސުން ގޯސްވުމުގެ ސަބަބުން ގެނެސްފައި ހުރި ފިޔާވެސް ބަނދަރުން ކްލިއަރ ކުރުމަށް ދަތިތަކާ ކުރިމަތިވުމާއި، އާންމުކޮށް ރާއްޖެއަށް ފިޔާ އެތެރެކުރާ އަވައްޓެރި ޤައުމުތަކުގައިވެސް ވިއްސާރައިގެ ސަބަބުން ކުރިމަތިވި ބައެއް ދަތިތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ބާޒާރު މަތިން ފިޔާ މަދުވެ އަގު އުފުލިގެން ދިޔައީއެވެ.
ޤުދުރަތީ ގޮތުން ކުރިމަތިވާ ކަންކަމުގެ އިތުރަށް ޤައުމުތަކުގެ ގުޅުމުގެ ސަބަބުންވެސް ބައިނަލްއަޤްވާމީ ބާޒާރުގައި އަގުތައް އުފުލިގެން ދެއެވެ. ބައެއް ޤައުމުތަކުގެ ސިޔާސަތާއި އަދި ހަނގުރާމަތަކުގެ ސަބަބުން އަގު އުފުލެން މެދުވެރިވެއެވެ.
މިހުރިހާ ސަބަބުތަކެއް މިފަހަކަށް އައިސް ތަކެތީގެ އަގު އުފުލުމާއި ގުޅިފައިވެއެވެ. މީޑިއާ ރިޕޯޓްތަކަށް ނަޒަރު ހިންގާލުމުން، އިރުމަތީ އޭޝިއާ ސަރަހައްދާއި، ވިލާތުގެ ޤައުމުތަކާއި އެމެރިކާގެވެސް މުދަލާއި، ޚިދުމަތްތަކުގެ އަގު ވަކި މުއްދަތެއްގެ ތެރޭގައި ޖުމްލަ ގޮތެއްގައި އުފުލުން ނުވަތަ އިންފްލޭޝަންގެ މިންވަރު މައްޗަށް ޖެހި ތަކެތީގެ އަގުތައް އުފުލެއެވެ. އެމެރިކާ އަދި ޔޫރަޕް ސަރަހައްދަށް ބަލާއިރު ކާބޯތަކެތީގެ ބައިން %3 އިންފްލޭޝަން އިތުރުވާކަން ދައްކައެވެ. ޔޫރަޕްގެ ޤައުމުތައް ދޫކޮށް އިރުމަތީގެ އޭޝިއާގައި މިފަދަ މަންޒަރެއް ފެންނެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރާ ޤައުމުތަކަކީ އަވަށްޓެރި އިންޑިއާއި ޗައިނާ ފަދަ ޤައުމުތަކުންނެވެ. މީގެ އިތުރުން މެދުއިރުމަތިން އެކުވެރި އަރަބި އިމާރާތުން މުދާ އެތެރެކުރާއިރު، ޕާކިސްތާން އަދި އިރުމަތީ އޭޝިއާއިން މެލޭޝިއާ ތައިލޭންޑް އަދި ސިންގަޕޫރު ފާހަގަކޮށްލެވެ. މިއިން ކޮންމެ ޤައުމަކަށްވެސް ކުރިމަތިވާ ކަމެއް ނުވަތަ ދައްޗަކީ އަޅުގަނޑުމެންނާއި ހިސާބަށް އޭގެ އަސަރު ފޯރާ ކަންކަމެވެ.
އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި ނުހިނގާ މިފަދަ ކަންކަމާއެކު، ޤައުމުގެ މާލީ ހާލަތަށްވެސް ވިސްނާއިރު ރާއްޖޭގައި ބާޒާރުމަތިން އަގު އުފުލިގެންދާތަން ފެނުމަކީ މައްސަލައެއް ނޫނެވެ. އާދަޔާ ޚިލާފަށް އެއްވެސް ބާވަތެއްގެ އަގު އުފުލިޔަ ނުދިނުމަށް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް އިންޓަވެންޝަން ފިޔަވަޅުތަކެއް އަޅައެވެ.
މިދިޔަ ރޯދަމަހުން ފެށިގެން އަސާސީ ބާވަތްތަކުގެ މުދަލަކީ ކޮބައިކަން ފުރަތަމަ ފަހަރަށް ބަލައި، އެ ބާވަތްތަކުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ޤަވާއިދުން މޮނީޓަރ ކުރަމުންދެއެވެ. އެހެން ކަމުން އެވަރޭޖް ގޮތެއްގައި އެއްވެސް ބާވަތެއްގެ އަގު އުފުލިގެން ދިޔަ ނަމަވެސް ގިނަ 5 ވަރަކަށް ދުވަސް ތެރޭ އޭގެ އަގު ތިރިވާނެހެން ފިޔަވަޅުތަކެއް ވަގުތުން ސަރުކާރުން އަޅައެވެ.