ޚަބަރު

ސަރަޙައްދީ މަސްވެރިކަން މެނޭޖުކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް: މަސްވެރިކަމާބެހޭ ވަޒީރު


  • ސްރީލަންކާއާއި ރާއްޖެއާއި ދެމެދު ވަނީ އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައި

  • މަސްވެރިކަމުގެ ސިނާއަތު ގުޅިގެން ކުރިއަރުވަން މަޝްވަރާކުރެއްވި

މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ސްރީލަންކާއަކީ އިތުބާރު ހިފޭ ގައުމެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސްރީލަންކާއަކީ މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި، ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި ރާއްޖޭގެ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި މަސައްކަތްކޮށް އިތުބާރުހިފޭ ބައިވެރިއެއްކަމަށެވެ.

ސްރީލަންކާއާއި ރާއްޖެއާ 2 ގައުމު ގުޅިގެން މިސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކޮށް، މި ސަރަޙައްދުގެ ޤައުމުތަކުގެ މަަޞްލަޙަތުތަކަށް ވަކާލާތުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެ ޤައުމުގެ ދެމެދުގައި ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައިވެސް ވަރުގަދަ ގުޅުމެއް އޮންނަކަން ފާހަގަކުރައްވާފައެވެ. އަދި މެރިކަލްޗަރ ދާއިރާއާއި، ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ތަރައްޤީ ފަދަ އައު ދާއިރާތަކުގައި ގުޅިގެން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި އަދި ރައްކާތެރި އިންޑިއާ ކަނޑުގެ ކުރިއެރުވުމަށްޓަކައި ސްރީ ލަންކާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅުގައި ވަނީ ދެ ޤައުމުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްޤީއާއި ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާވެސް ހިމެނެއެވެ.