ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު ފައިނަލް ކުރާނީ އެފްއޭއެމުގެ ކޮމިޓީތަކަށް މެމްބަރުން ހޮވައި ނިމުމުން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ހޮނިހިރު ދުވަހު މަގާމާ ހަވާލުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ އެ އިދާރާގެ ކޮމިޓީތަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން މީހުން ހޮވައި ނިންމުމަށެވެ. އަދި މި ފުރުސަތު މެމްބަރު ކުލަބުތަކަށް ހުޅުވާލުމަށެވެ.
އެފްއޭއެމުގެ ކަލަންޑަރުގައި ހިމަނާނެ ކަމަށް ބެލެވޭ މައިގަނޑު މުބާރާތްތަކަކީ ގައުމީ ފުޓްބޯޅަ މުބާރާތާއި އެފްއޭކަޕް އަދި ދިވެހި ޕްރެމިއާ ލީގެވެ. މީގެ އިތުރުން އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތްތަކާއި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހިމެނެ އެވެ.
އެފްއޭއެމުގެ ހިންގުން ބޮއްސުންލައި، އިދާރީ އަދި މާލީ މައްސަލަތަކާ ހުރެ ފުޓްބޯޅައިގެ މުހިންމު ހަރަކާތްތައް ހުއްޓިފައި އޮންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.