ޚަބަރު

އިޤްތިޞާދީ ތަރައްޤީއާއި، ޢުމްރާނީ ތަރައްޤީފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޖަޕާނާއެކު މަޝްވަރާކުރައްވައިފި


  • ބައި ޤަރުނަށްވުރެ ގިނަ ދުވަސްވީ ދެޤައުމުގެ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވި

އިޤްތިޞާދީ ތަރައްޤީއާއި، ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޖަޕާނާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރައިމް މިނިސްޓަރ އެންޑް ޕާލަމެންޓްރީ ވައިސް-މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އޮފް ޖަޕާން، އިކުއިނަ އަކިކޯ، ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޖަޕާނުގެ ވަފުދަށް ހޫނު މަރުހަބާއެއް ވިދާޅުވެ، މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ވަފުދުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ސްޕެޝަލް އެންވޯއީ ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ބައްލަވާލެއްވުމުގެ ދައުވަތު ލިބިވަޑައިގެންނެވުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް، ބައި ޤަރުނަށްވުރެ ގިނަ ދުވަސްވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި، ޢުމްރާނީ ތަރައްޤީއާއި، ޑިޒާސްޓަރ ރެޒިލިއަންސް އެންޑް މެނޭޖްމަންޓާއި، ޓެލެކޮމިއުނިކޭޝަނާއި، ކެޕޭސިޓީ ބިލްޑިންގ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ޖަޕާނުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.