ޚަބަރު

އައު ޓަރމިނަލް ހުޅުވާ ދުވަހު، ބާރުބޮޑުވާނެތީ ފަސިންޖަރުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ވަގުތު އޮއްވައި އެއަރޕޯޓަށް އައުމަށް ވަނީ އެދިފައި

  • އައު ފެސެންޖަރ ޓާމިނަލް ހުޅުވާނީ މާދަމާ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް މާދަމާ ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ފަސިންޖަރުން ސަމާލުވުމަށް ގައުމީ އެއަރލައިން މޯލްޑިވިއަނުން އިލްތިމާސްކުރައްވައިފިއެވެ.

މޯލްޑިވިއަނުން ބުނީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސެންޖަރ ޓާމިނަލް ހުޅުވާތީ އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަހައްދުތަކުގައި ދުއްވާއެއްޗެހި ގިނަވެ، ތޮއްޖެހުން ބޮޑުވަނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ދަތުރުގެ ކަންކަން އޮމާންކަމާއިއެކު ކުރިއަށްގެންދިއުމަށް ދަތުރުކުރާ ހުރިހައި ފަސިންޖަރުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ބައިނަލްއަޤްވާމީ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ވީހާވެސް އަވަހަށް ޗެކްއިންކޮށް ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށާއި ކުރިއާލާ ދަތުރުރާވައި މަގުތައް ތޮއްޖެހޭނެކަމަށް ބަލައި އެއަރޕޯޓަށް ވަގުތު އޮއްވައި އައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވީއައިއޭގެ އައު ފެސެންޖަރ ޓާމިނަލް މާދަމާ ހުޅުވާއިރު އެންމެ ފުރަތަމަ ދަތުރުފަށާނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ.