ޚަބަރު

އާއްމުން ހޭލުންތެރިކުރުމަށް ސިނާރިއޯ ބޭސްޑް އެކްސަސައިޒް މިއަދު ކުރިއަށްދިޔައީ ހުޅުމާލޭގައި


  • މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އާންމުންގެ އެއްބާރުލުން މުހިންމު

މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވުމުގެ ސަަބަބުން ހިނގަމުންދާ ހާދިސާތައް ފަހަކަށްއައިސް އިތުރުވެފައިވާއިރު، އެކަންކަމަށް އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަަކައި ކަމާބެހޭ ފަރާތްތަކުން ދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ.

މަގުމަތީގެ އެކްސިޑެންޓުތަކުގެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ފައްޓަވާފައިވާ އެންމެ މުހިއްމު މަސައްކަތަކީ މަގުތަކަށް ނިކުމެ، ސީދާ އުޅަނދުތައް ދުއްވާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެވެ.

ފުލުހުން ކުރައްވާ މި މަސައްކަތުގެ ތެރެއިން ގެންދަވަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން މީގެކުރިން ހިނގާފައިވާ އެކްސިޑެންޓްތައް ފެންނާނެގޮތަށް ސިނާރިއޯ ބޭސްޑް އެކްސައިޒްތައް ވަނީ ހިންގަވާފައެވެ.

ހަމައެއާއެކު، މީގެކުރިން ހިނގާފައިވާ އެކްސިޑެންޓްތަކުގެ ފޮޓޯ ހިމެނޭ ޕްރެޒެންޓޭޝަންތަކާއެކު އެކްސިޑެންޓްތަކުގެ ނުރައްކާ ބާރަށް ދުއްވާ މީހުންނަށް ކިޔައިދިނުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ފުލުހުން ކުރައްވާ މި މަސައްކަތުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔައީ، މަގުމަތީ ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު، އެކްސިޑެންޓްގެ އަޑާއި، އެމްބިއުލާންސްގެ އަޑާއި، ހޭލުންތެރިކަން އިތުރުކުރުމުގެ އޯޑިއޯ ކްލިޕްތައް އިއްވުމުގެ ހަރަކާތެކެވެ.

ހުޅުމާލެ ފޭސް 2ގެ ނިރޮޅުމަގު އަދި ހިތިގަސްމަގުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެމްޓީސީސީ، ވެމްކޯ، އެޗްޑީސީ، ހުޅުމާލެ ޓްރެފިކް ޕޮލިސް އަދި ހުޅުމާލެ ފޭސް 2ގެ ޕޮލިހުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އަޙުމަދު ސުޖާއު ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތަކަށް އާންމު ރައްޔިތުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށެވެ.

" އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް މިކަމަށް ލިބިގެންދޭ، ޚާއްސަކޮށް އިވެންޓް ރާވާ ހިންގުމުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް އާންމު ރައްޔިތުންގެ ފަރާތުންވެސް ލިބެމުންދޭ. އޭގެއިތުރުން ޚާއްސަކޮށް އަޅުގަނޑުމެން ތައްޔާރުކޮށްފަހުރި ސީންތަކުގައާއި، އަދި މި މެސެޖްތަކުގެ ސަބަބަުން އާންމުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ވަރަށް ޕޮސިޓިވް މެސެޖްތަކެއް ލިބެމުންދާކަން ފާހަގަކޮށްލަން". ސުޖާއު ވިދާޅުވިއެވެ.

މަގުތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ފުލުހުން ހަރަކާތްތަކެއް މިފަހަރު ފައްޓަވާފައި މިވަނީ މިފަހުން މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މީގެތެރެއިން ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުންނާއި ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ބައެއް މީހުން ވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ.