ޚަބަރު

ރައީސްގެ ދަތުރުފުޅުން ހާމަވީ ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު: ވަޒީރު އާދަމް ޝަރީފް


  • ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ރައީސް ބާރު އަޅުއްވާ

  • މި ވެރިކަމުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަމުގެ ޔަގީންކަން އެބައޮތް

މިލަދުންމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުން ހާމަވީ ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއަޅުއްވާ މިންވަރު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޒީރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް އެމަނިކުފާނު ބާރު އަޅުއްވާކަމަށެވެ.

މިއީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު ހާމަވާކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް އިތުރަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔަ ކަމަށްވެސް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. އަދި ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ރަށުގެތަރައްގީއަށް ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.