ކުޅިވަރު

ޕައު ވިކްޓަރ ވިއްކާލައިފި، ބާސެލޯނާއަށް ޖަޕާނަށް ނުފުރުނު


ބާސެލޯނާގެ ޕްރީ ސީޒަނުގައި ޖަޕާނަށް ކުރަން އޮތް ދަތުރު އެއާލައިނުން ފަހު ވަގުތު ކެންސަލްކޮށްފިއެވެ.

ބާސެލޯނާ މިހާރު ތައްތާރުވަމުން ދަނީ ކުރި އަށް އޮތް ސީޒަނަށް އޭޝިޔާ އަށް ދަތުރެއް ކުރުމަށެވެ. ނަމަވެސް މިއަދު ޖަޕާނަށް ފުރަން އޮތް ނަމަވެސް ދަތުރު މެޗު ކުޅެވާހާ ވަގުތު އޮއްވައި ނުކުރެވޭނެކަން ވަނީ ޔަގީންވެފަ އެވެ. އެއީ ފައިސާގެ މައްސަލާގައި އެއާލައިނުން ދަތުރު ފައިނަލް ނުކުރުމުންނެވެ. މިހެންވެ ޖަޕާނުގެ ވިސެލް ކޯބާއެކު ބާސެލޯނާ ކުޅޭ މެޗު ދެން ފަހަރުގައި ނުކުޅެވިދާނެ އެވެ. އޭރުން ޓީމު ދެން ދަތުރު ކުރާނީ ޖަޕާނުގެ ބަދަލުގައި ސީދާ ދެކުނު ކޮރެޔާ އަށެވެ.

މި ދަތުރުގެ ކުރިން ބާސެލޯނާގެ ދެ ކުޅުންތެރިންގެ ތެރެއިން ޒުވާން ފޯވަޑް ޕައު ވިކްޓަރ ޕޯޗުގަލްގެ ސްޕޯޓިން ކުލަބު ބްރާގާ އަށް ވިއްކާލަން ނިންމައިފި އެވެ.

އެ ކުލަބުން އޭނާ ގަންނަނީ ޖުމުލަ 13 މިލިއަން ޔޫރޯ އަށެވެ. މީގެ ތެރެއިން 10 މިލިއަން ޔޫރޯ ވަގުތުން ދޭނެ އެވެ. ބާކީ ތިން މިލިއަން އަކީ ކުޅުންތެރިޔާ ދައްކާ ކުޅުމާއި އޭނާގެ ފަރާތުން ބްރާގާ އަށް ލިބޭ ކާމިޔާބީ އަށް ދޭ ފައިސާ އެވެ.

ޕައު ވިކްޓަރ ވިއްކާލަން ބާސެލޯނާ ނިންމީ އޭނާ އަށް ޓީމުގެ ވާދަވެރި ފޯވަޑް ލައިނުން ޖާގަ ނުހޯދޭތީ އެވެ. މި ގޮތުން އޭނާ އަކީ ފޯވަޑް ލައިނުގައި ހިމެނިގެން މިދިޔަ ސީޒަނުގައި ބެންޗުގައި ތިބި ކުޅުންތެރިންގެ ތެރެއިން ވިއްކާލި ދެ ފޯވަޑެވެ. މީގެ ކުރިން އަންސޫ ފަޓީ ވަނީ ފްރާންސްގެ މޮނާކޯ އަށް ލޯނު އުސޫލުން ދޫކޮށްލައިފަ އެވެ.

މާލީ ދަތިކަން ވެސް އިހުސާސް ކުރަމުންދާ ބާސެލޯނާއިން މިހާރު މަޝްވަރާ ކޮށްފައިވަނީ މިޑްފީލްޑަރު އޮރިއެލް ރޮމެއުގެ ކޮންޓްރެކްޓް އުވާލުމަށެވެ. އޭނާ އާއި ކުލަބާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އުވާލާނީ ލޯނު އުސޫލުން އޭނާ ގެންދާނެ ކުލަބެއް ނުވެއްޖެނަމަ އެވެ. ބާސެލޯނާއިން ބޭނުން ނެތުމުން އޭނާ ހުސްވި ސީޒަނުގައި ކުޅުނީ ސްޕޭނުގެ ޖިރޯނާ އަށެވެ. އޭނާ އާއި ބާސެލޯނާއާ ދެމެދުގައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2026ގެ ސީޒަނުގެ ނިޔަލަށެވެ.