ދިގުލައިދިޔަ މައްސަލަ ގަނޑަކަށްފަހު ޕޯޗުގަލްގެ ސްޕޯޓިން ކުލަބަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް ވިކްޓަރ ޔޯކެރެޝްއަށް އެންމެ ފަހުން އާސެނަލްއަށް ބަދަލުވެވޭ ގޮތްވެއްޖެއެވެ.
އޭނާ ދޫކޮށްލަން ސްޕޯޓިން ކުލަބުން ނިންމީ 63 މިލިއަން ޕައުންޑާއި އިތުރު 10 މިލިއަން ޕައުންޑްގެ ބޯނަސް އެއް ހުށަހެޅުމުންނެވެ. އަދި އޭނާގެ އެޖެންޓް މި ޓްރާންސްފާގެ ފީ އެއްގެ ގޮތުގައި ޑިމާންޑް ކުރަމުން ދިޔަ ފީ ކުޑަ ކުރަން ނިންމުމުންނެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް އެއްވެސް ފަރާތަކުން ނުބުނެ އެވެ.
2023 ވަނަ އަހަރު ސްޕޯޓިންއާ ގުޅި 66 މެޗުން 68 ގޯލު ޖަހާދީފައިވާ 27 އަހަރުގެ ފޯވަޑް އާސެނަލް އަށް ބަދަލުވާން ނިންމިއިރު އޭނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް މި ރޭހުގެ ކުރީގައި އަބަދުވެސް އޮތީ އާސެނަލް އެވެ.
ސްވިޑްގެ ގައުމީ ޓީމަށް 26 މެޗުން 16 ގޯލު ޖަހާދައިފައިވާ ފޯވަޑް އާސެނަލްއާ އެކު އޭޝިޔާ އަށް ކުރާ ޕްރީ ސީޒަން ދަތުރުގައި ބައިވެރި ކުރަން އެ ކުލަބުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ އާސެނަލް އަށް ސޮިއ ކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ.
ޔޯކެރެޝް ގަތުމަށް އާސެނަލް އިން ކެނޑިނޭޅި މަސައްކަތް ކުރީ އެ ކުލަބަށް ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ދިމާވި މޮޅު ފޯވަޑެއްގެ އުނިކަން ފޫބެއްދުމަށެވެ. ހުސްވި ތިން ސީޒަނުގައި ވެސް ޕްރެމިއާ ލީގުގައި އާސެނަލް އޮތީ ދެ ވަނާގަ އެވެ. ނަމަވެސް ކޯޗު މިކޭލް އާޓެޓާ އުއްމީދޔ ކުރަނީ މި ސީޒަނަކީ އެ މީހުންގެ ފަހަރު ކަމުގައި ހެދުމަށެވެ.
މި ގޮތުން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިހާތަނަށް ވަނީ ކުޅުންތެރިން ގަތުމަށް 123 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އަދިވެސް އިތުރު ޑިފެންޑަރަކު ގަތުމަށް އެ ކުލަބުން ދަނީ ވާހަކަ ދައްކަމުންނެވެ.
އާސެނަލް އަށް ގަނެފައިވާ ކުޅުންތެރިންނަކީ ސްޕޭނުގެ މާޓިން ޒުބިމެންޑީ އާއި ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ އާއި ކްރިސްޓިއަން ނޯގާޑާއި އިނގިރޭސި މިޑްފީލްޑަރު ނޯނީ މަޑުއޭކޭ އެވެ. ޔޯކެރެޝް ގަތުމާއެކު ޓީމަށް ގެނައުމަށް ދެން ވާހަކަ ދައްކަމުން ދަނީ ވެލެންސިއާގެ ޒުވާން ޑިފެންޑަރު ކްރިސްޓިއަން މޮސްކުއޭރާ އެވެ.