ކުޅިވަރު

10 ނަންބަރު ހޯދަން އެމްބާޕޭ އާއި ގުލާ ގަދަހިފުމަކަށް


ރެއާލް މެޑްރިޑުގެ 10 ނަންބަރު ޖާޒީ އަންނަ ސީޒަނުގައި ލާނެ ކުޅުންތެރިއެއްގެ މައްސަލައިގައި ފޯވާޑް ކީލިއަން އެމްބާޕޭ އާއި ތުރުކީގެ އާރްދާ ގުލާއާ ދެމެދު ވާދަވެރިކަން އުފެދިއްޖެއެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި 10 ނަންބަރު ލިބުން އެންމެ ގާތީ އެމްބާޕޭ އަށެވެ. ރެއާލް އަށް ކުޅުނު ފުރަތަމަ ސީޒަނުގައި އޭނާ ކުޅުނީ ނުވަ ނަމްބަރު ޖާޒީގަ އެވެ. ފުރަތަމަ ސީޒަނުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލު ތަކެއް ޖަހައިފަ އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ގައުމީ ޓީމާއި ފްރާންސްގެ ޕީއެސްޖީ އަދި މޮނާކޯގައި ވެސް ބޭނުންކުރީ 10 ނަންބަރު ޖާޒީ އެވެ. އޭނާ ރެއާލްއާ ގުޅުމު ވަގުތު އެ ނަންބަރު ނުލިބުނީ އެ ކުލަބުގެ ކެޕްޓަން ލޫކާ މޮޑްރިޗް 10 ނަންބަރު ލަމުން ދިއުމުގެ ސަބަބުންނެވެ.

ނަމަވެސް މޮޑްރިޗް ވަނީ ނިމިދިޔަ ސީޒަނާއެކު ރެއާލް ދޫކޮށްލައި އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ. 10 ނަންބަރު ހޯދަން ވާދަވެރިކަން އުފެދުނީ މިހެންވެ އެވެ.

ޒުވާން ވިންގަ އަރްދާ ގުލާ 10 ނަންބަރު ޝައުގުވެރިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަމުދުން މޮޑްރިޗްގެ ފަހު މެޗުގައި 10 ނަންބަރު ޖާޒީ ބާލައި ދިނީ ވެސް ގުލާ އަށް ހަދިޔާ އަކަށެވެ. ނަމަވެސް ގުލާ އަކީ ގަވާއިދުން ފުރަތަމަ 11ގައި މިހާތަނަށް ކުޅެމުން އައި ކުޅުންތެރިއަކަށް ނުވުމަކީ އޭނާ އަށް 10 ނަންބަރު ލިބުމަށް އޮތް ހުރަހަކަށްވާނެ އެވެ.

ރެއާލްގެ 10 ނަންބަރަކީ ކޮންމެ ކުޅުންތެރިއަކަށް ފަސޭހައިން ލިބޭ ނަންބަރެއް ނޫނެވެ. ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު މި ނަންބަރު ލާފައިވަނީ ތިން ކުޅުންތެރިއެކެވެ. އެއީ މޮޑްރިޗާއި ކޮލަމްބިއާގެ ކެޕްޓަން ހާމޭސް ރޮޑްރިގޭޒް އާއި ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ.

އަންނަ ސީޒަނުގައި 10 ނަންބަރު ދޭނެ ކުޅުންތެރިއަކު ރެއާލް މެޑްރިޑުން އަދި ނުނިންމަ އެވެ. ނަމަވެސް މި ނަންބަރު އެއްވެސް ކުޅުންތެރިއަކަށް ނުދީ ނުބާއްވާނެ ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ.