4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.
އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަންޏެވެ. އެދުވަހެއްގައި ސޮއިކުރަން ދާންޖެހޭ މީހުންނަށް އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް ލިބުމުން، ސޮއިކުރަން ދިއުމުގެ ކުރިން ބޭނުންވާނެ ލިޔެކިޔުންތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ "ފަހި ޕޯޓަލް" އަށް އަޕްލޯޑްކުރަންވާނެކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ފުރަތަމަ ސޮއިކުރަން ދާންޖެހޭ ފަރާތްތަކަށް މިހާރު ވަނީ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށް، އެސްއެމްއެސް މެދުވެރިކޮށް އަންގާފައެވެ. އެއްބަސްވުމުގައި ސޮއިކުރަން އެޕޮއިންޓްމަންޓް ގަޑި ދޭނީ، ފަހި ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑްކުރުމުންނެވެ. ލިޔެކިޔުންތައް ވާންވާނީ ސައްޙަ، ސާފުކޮށް ކިޔަން އިނގޭ ލިޔެކިޔުމަކަށެވެ.
މި މަޝްރޫޢުގައި ހިމެނޭ 3 ކޮޓަރީގެ އެޕަރޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕަރޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ. ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ.
މެއިންޓަނަންސް ފީގެ ގޮތުގައި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް ދައްކަން ޖެހެނީ މަހަކު 1500 ރުފިޔާ، އަދި 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.
މި މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރު އަދި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 3 ކޮޓަރީގެ އެޕަރޓްމަންޓަކީ 2800 ހައުސިން ޔުނިޓެވެ. މި އެޕަރޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 09:00އިން ހަވީރު 04:00އަށެވެ.