މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އައު ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިސެޝަންގައި އެކުންފުނީގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވިއެވެ.
އައު ޓާރމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އައު ޚިދުމަތްތަކަށް މުވައްޒަފުން ދަނީ ތަމްރީންކުރަމުންނެވެ. އެގޮތުން ތަފާތުއެކި ޕްރެކްޓިކަލް ހަރަކާތްތައްވެސް އެމްއޭސީއެލްއިން ދަނީ ކުރިއަށްގެންދަމުންނެވެ.
މީގެތެރެއިން އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އައު ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުމަށްވަނީ ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި އެފަރާތްތަކުގެ ސުވާލުތަކަށް ވަނީ ޖަވާބު ދެއްވާފައެވެ.
އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރުވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްއޭސީއެލްއިން ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިވި މުވައްޒަފުންގެ ތެރެއިން ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ބުނީ ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.
ޑޮލީ ސަރވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ, އައު ޓާމިނަލަށް ފުރަތަމަ ފަހަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގި ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ޚާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.