މިލަދުންމަޑުލު ދެކުނުބުރީ މާފަރުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިކަމުގެ ޔަޤީންކަން ދެއްވީ މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މާފަރު ފެނަކަ އިމާރާތުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައިވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެއިތުރުން މާފަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ގުޅިފައިވާ އެކިއެކި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ ޓަރމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މެންބަރުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.