ކުޅިވަރު

ޓާސްޓެގަން އޭޝިއާ ދަތުރުގައި ނުދާނެ


ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެ ކުލަބުން އޭޝިއާ އަށް ކުރާ ދަތުރުގައި ނުދާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ސަބަބަކީ ޓީމުގެ ކެޕްޓަން ޕްރެކްޓިހަށް ނުނުކުމެ ޓީމާ ވަކިން ޖިމް ހަދަމުންދާތީ އެވެ. ޖަރުމަނުގެ ގައުމީ ކީޕަރު މި ގޮތަށް އަމަލު ކުރަމުން ދަނީ އޭނާ އަށް ފުރަތަމަ 11އިން ފުރުސަތު ނުދޭން ބާސެލޯނާއިން ނިންމާފައިވާތީ އެވެ. ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރަށް ކުރިއަށް އޮތް ސީޒަނުގައި ޖާގަ ދޭން ނިންމާފައިވަނީ ތިން ވަނަ ކީޕަރުގެ ގޮތުގަ އެވެ. ސަބަބަކީ އޭނާ ކުލަބުން ދިއުމަށް އިތުރަށް ބާރު އެޅުމުގެ ގޮތުންނެވެ.

ބާސެލޯނާއިން ޓާސްޓެގަން ވިއްކާލަން ނުވަތަ ދޫކޮށްލަން ބޭނުންވަނީ ތިން ސަބަބަކާ ހެދި އެވެ. އެއީ ގާތްގާތުގައި އަނިޔާވުމުގެ ސަބަބުން އޭނާ އަށް ކުރީގެ ކުޅުން ނުދެއްކިދާނެ ކަމަށް ބަލައިފަ އެވެ. އަދި އޭނާ އަކީ ކުލަބުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށް ވުމުން އޭނާ ފޮނުވާލައިފިނަމަ މުސާރަ ލިމިޓުން ބޮޑު ބައެއް ހުސް ކުރެވޭނެތީ އެވެ. ތިން ވަނަ ސަބަބަކީ މޮޅު ދެ ކީޕަރު ކުލަބުގައި ތިބުމެވެ.

އެއީ ހުސްވި ސީޒަނުގައި ޓާސްޓެގަން އަށް އަނިޔާވުމުން ގޯލް ބަލަހައްޓަން ސޮއި ކުރުވި ޕޮލެންޑްގެ ތަޖުރިބާކާރު ކީޕަރު ވޮޝްނިއާ ޝެޒްނީ އާއި ހުސްވި ސީޒަނުގައި ސްޕެނިޝް ލީގުގެ އެންމެ މޮޅު ކީޕަރު އެސްޕަނިޔޯލްގެ ޖޯން ގާސިއާ އެވެ. މީގެ ތެރެއިން 25 މިލިއަން ދައްކައިގެން ގާސިއާ ގެނައީ އޭނާ އަށް އެއްވަނަ ކީޕަރުކަން ދޭ ގޮތަށެވެ.

ބާސެލޯނާއިން މި ގޮތަށް އަމަލު ކުރުމުން ޓާސްޓެގަން މި ވަގުތު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. މި ގޮތުން ބާސެލޯނާ ދޫކޮށްދާނަމަ އެ ކުލަބަށް އެއްވެސް ލުޔެއް ދޭން އޭނާ ބޭނުމެއް ނުވެ އެވެ. މި ގޮތުން އޭނާ ކުލަބު ދޫކޮށްލާނަމަ ކޮންޓްރެކްޓްގެ ބާކީ އޮތް ތިން އަހަރަށް އެއްކޮށް މުސާރަ ނަގަން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އެންމެ ފުރަތަމަ ބޭނުންވަނީ ކުލަބުގައި މަޑުކޮށް އެއްވަނަ ކީޕަރުގެ މަގާމަށް ވާދަ ކުރުމަށެވެ.