ކުޅިވަރު

ބްރެޒިލް އާއި ބޮލީވިއާ ވާމްއަޕް ކުރަން ޖެހުނީ ކޮޓަރިއެއްގައި


އަންހެނުންގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އާއި ކޮލަމްބިއާ ކުޅުންތެރިން ވާމްއަޕް ކުރަން ކޮޓަރިއެއް ދިން މައްސަލަ ހޫނުވެއްޖެ އެވެ.

މިކަމާ ގުޅިގެން އެ ދެ ގައުމުގެ އިތުރުން މުބާރާތުގައި ބައިވެރިވާ އެހެން ގައުމުތަކުން ވެސް ވަނީ މައްސަލަ ޖައްސައިފަ އެވެ. ސަބަބަކީ ވާމް އަޕްކުރަން މެޗުތައް ކުޅޭ ދަނޑުތަކަށް އެރުމުގެ ހުއްދަ ނުދޭތީ އެވެ.

ކޮޕާ އެމެރިކާ އިންތިޒާމް ކުރަމުން އަންނަ އިކުއެޑޯއިން ވާމްއަޕްކުރަން ދަނޑުތަކަށް ނޭރޭ ގޮތަށް ހެދީ ދަނޑުތަކުގެ ހާލަތު ގޯސްކަމުންނެވެ. ހަމައެކަނި ދަނޑުމަތީގައި ވޯމްއަޕް ކުރުމުގެ ހުއްދަ އޮތީ ގޯލްކީޕަރުންނަށް އެކަންޏެވެ.

ބްރެޒިލުން ބުނީ ދެ ޓީމު އެއް ކޮޓަރިއެއް ވާމްއަޕް ކުރަން ޖެހުމުން ގިނަ އުނދަގޫތަކެއް ދިމާވި ކަމަށާއި އަދި މިއީ ތައްޔާރީތަކަށް އެޅުނު ހުރަހެއް ކަމަށެވެ. ނަމަވެސް އެ ގައުމުން މެޗު ކާމިޔާބު ކުރީ 6-0އިންނެވެ.

އެހެން ގައުމުތަކަށް ވެސް މި މައްސަލަ ކުރިމަތިވެ ޝަކުވާ ބޮޑުވުމުން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ. ބުނެފައިވަނީ މީގެ ފަހުން ކުޅޭ މެޗުތަކުގައި ގޯލްކީޕަރުންނެކޭ އެއް ފަދައިން އެހެން ކުޅުންތެރިންނަށް ވެސް ދަނޑަށް އަރައި ވޯމްއަޕް ކުރެވޭނެ ކަމަށެވެ.

ޖުލައި 11 އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އިކުއެޑޯގައި ކުޅެމުން އަންނަ މުބާރާތް ތިން ދަނޑެއްގައި ކުޅެ އެވެ.

1991 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ބްރެޒިލް އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް އެއީ އެވެ.