ވަރަށް ގިނަ ޓީމުތަކުން އޭނާ ލައްވައި ކުޅުވަން ވެގެން ގުޅި ކަމަށާއި އެ އޮފާތައް ދޫކޮށްލީ އޭސީ މިލާނުން ފުރުސަތު ލިބުމުން ކަމަށް ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.
އޭނާ ސޮއި ކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އުމުރުން މިހާރު 40 އަހަރުގެ މޮޑްރިޗް ފާއިތުވެދިޔަ 13 އަހަރު ކުޅުނި ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. އެ ކުލަބުގައި ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މިޑްފީލްޑަރު ބުނީ އޭސީ މިލާނަކީ ދުނިޔޭގެ ބޮޑު ކުލަބެއް ކަމަށެވެ. ނަމަވެސް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ މިލާނަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ އެވެ. އެއީ އިޓާލިއަން ލީގުގެ ނަތީޖާތައް ދަށްވުމުންނެވެ.
"އަހަރެން މި ކުލަބަށް މިއީ އުފަލުން. އަހަރެން ބޭނުންވީ ޔޫރަޕުގައި ވާދަވެރި މުބާރާތްތަކުގައި ކުޅެން. މިލާނުގެ ޕްރޮޕޯސަލް ލިބުމާއެކު އަހަރެން އެހެން ހުރިހާ ހުށަހެޅުންތަކެއް ދޫކޮށްލިން،" މޮޑްރިޗް ބުންޏެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅެ، އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެ އަހަރު ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މޮޑްރިޗް ބުނީ އޭނާ ކުޑައިރު އިޓާލިއަން ލީގު ވަރަށް ގިނައިން ބަލައި ހެދި ކަމަށެވެ. އަދި މިލާނަކީ އޭނާ ކުޑައިރު ވަރަށް ސަޕޯޓްކުރި ކުލަބެއް ކަމަށެވެ.
ސަބަބަކީ އޭނާ އައިޑޮލް އެއްގެ ގޮތުގައި ދެކެމުން އައި ކްރޮއޭޝިޔާގެ ކުރީގެ ކުޅުންތެރިޔާ ބޮބާން މިލާނުގައި ކުޅެމުންދިއުން ކަމަށެވެ.
އުމުރުން 40 އަހަރުވާއިރު ވެސް އެންމެ މަތީ ފަންތީގައި ކުޅެވެނީ އެ ކަމަށް ހުރި ޝައުގެއްގެ ބޮޑު ކަމުން ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.
"އަހަރެން އަދިވެސް ކާމިޔާބު ހޯދަން ބޭނުން. އަހަރެންގެ ހަށިގަނޑު އަދިވެސް ތައްޔާރު އެކަމަށް. އަހަރެންގެ ވިސްނުމާއި އުއްމީދަކީ ވެސް ކާމިޔާބު ހޯދުން. ދެން އަހަރެން ފުޓްބޯޅަ ކުޅުމަށް ލޯބި ކުރަން. މިއީ އަހަރެން ކުރިއަށްދާން ބާރު ލިބޭ ސަބަބަކީ،" މޮޑްރިޗް ބުންޏެވެ.
އޭނާ އަދި ބުނީ މިލާނަކީ ކާމިޔާބު ޓީމަކަށް މިލާން އިތުރު ކާމިޔާބީތައް ހޯދަން ޖެހޭ ކަމަށެވެ. އަދި އޭނާ މި ކުލަބާ ގުޅުނީ ވެސް އެކަމަށްޓަކައި ކަމަށެވެ.