ޚަބަރު

ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ


  • އާންމުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 22ވަނަ ދުވަހުގެ ނިޔަލަށް

  • މި ބިލުތަކުގެ މަސައްކަތް އޮގަސްޓް 10ގެ ކުރިން ނިންމާނެ

ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ. މި ދެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އިތުރުން ފަންނާނުންނާއި، އެހެނިހެން ފަރާތްތަކަށްވެސް ޚިޔާލާއި ފިކުރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

މި ބިލުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. މިގޮތުން މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުންވެސް ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ.

ސަރުކާރުގެ ފަރާތުން ޓްރޭޑްމާރކްގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި ބިލަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާރކާ ގުޅިގެން އެ ޓްރޭޑްމާރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމާރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން، ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި އެ މަރކަކާއި އެއްގޮތް ނިޝާނެއް ނުވަތަ އެ މަރކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްގު ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބޭނެއެވެ. މި ބިލުގައި ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބިގެންވާ ޙައްގުތައް ބޭނުން ނުކުރެވޭނެ ދާއިރާތައްވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ފިކުރީ މުދާ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މި ބިލު ފާސްވެ އޮފީހެއް ގާއިމުވެއްޖެނަމަ، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، މިފަދަ އީޖާދުތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާނެއެވެ. މި ބިލުވެސް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ އާ އީޖާދުތަކަށް މަގުފަހިކޮށް، އިގުތިޞާދީ ކުރިއެރުން ހޯދުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މި ދެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ފޮނުއްވާފައިވަނީ އިޤުތިޞާދީ ކޮމެޓީއަށެވެ. މީގެ އިތުރުން މި ބިލުތަކުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފައިވާކަމަށް އިޤުތިޞާދީ ކޮމިޓީން ވިދާޅުވެއެވެ.