ޚަބަރު

މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި


  • މަރުޙަބާ ވިދާޅުވީ ރަސްގެފާނުގެ ޚާއްސަ މަންދޫބު

  • އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ އިއްޔެއެވެ. އިނގިރޭސިވިލާތައް ވަޑައިގެންނެވުމުން އެ ޤައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބު ޑެޕިއުޓީ ލުޓެނެންޓް އޮފް ގްރޭޓަރ ލަންޑަން، މޭޖަރ ޖެރެމީ ފަރން ޓީ.ޑީ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓް އެފެއަރސްގެ ޚާއްސަ މަންދޫބު ގޯޑަން ވެދެރަލް ސީއެމްޖީއާއި އިނގިރޭސިވިލާތުން ރާއްޖެއާއި އަޔަރލެންޑަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދިވެހިރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.