ކުޅިވަރު

ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމަށް ތޮއްޑޫގައި ކޯހެއް ކުރިއަށްދަނީ


ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ކޯޗިން ކޯހެއް ފަށައިފިއެވެ. މި ކޯހަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިކޯހުގައި ޖުމްލަ 13 ބައިވެރިއަކު އަންނަނީ ތަމްރީނުވަމުންނެވެ. އޭގެ ތެރޭގައި މިއަހަރު އަލަށް ސްކޫލު ނިންމި ކުދިންވެސް ހިމެނޭކަމަށް ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަންޖޫނާ މުހަންމަދު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.

"ކޯސް އެންމެ ފުރަތަމަ ޚާއްސަކުރީ 18 އަހަރުންމަތީގެ ފަރާތްތަކަށް. އެހެންނަމަވެސް ފަހުން ވިސްނީ މިއަހަރު އޯލެވެލް ނިންމި ކުދިންނަށްވެސް މިފުރުސަތު ފަހިކޮށްދޭން. އެހެންކަމުން މި ކޯޗިން ކޯސް އެކި އުމުރުފުރައިގެ ފަރާތްތަކުންދަނީ ފުރިހަމަކުރަމުން" އަންޖޫނާ ވިދާޅުވިއެވެ.

މިފަދަ ކޯހެއް ރަށުގައި ހިންގުމުގެ މަގްސަދަކީ ރަށުގައި ކުޅިވަރުގެ ރޫހެއް އާލާކުރުމާއި ރަށުގައި އަންހެން ހޭންޑް ބޯޅަ ކޯޗުން އުފެއްދުންކަމަށް އޭނާވަނީ ހާމަކުރައްވާފައެވެ. އަދި މިފަދަ ފުރުސަތުތަކުގެ ސަބަބުން އަންހެނުން ބާރުވެރިކުރުވާ، ކުޅިވަރުގެ ދާއިރާއިންނާއި އަންހެނުންގެ ތަރައްޤީއަށް އައު ދޮރުތަކެއް ހުޅުވޭނެކަމަށް ގަބޫލުކުރައްވާކަމަށް ޑަބްލިއުޑީސީގެ ރައީސާ ވަނީ ވިދާޅުވެފައެވެ.

"ކޯހަށް ރަށުން ލިބުނު ތަރުހީބު ބޮޑު. އެހެންނަމަވެސް ދުވަސްވަރުގެ ގޮތުން ގިނަ ބަޔަކަށް މިކޯހުގައި ބައިވެރިވުމަށް ދަތިވި. ސްކޫލުގެ ޓެސްޓު ދުވަސްވަރުކަމުން ޓީޗަރުން އަދި ބައެއް ބެލެނިވެރިންނަށް ވެސް ވަނީ މިކޯހުގައި ބައިވެރިވެވޭގޮތް ނުވެފަ" އަންޖޫނާ ވިދާޅުވެފަވެއެވެ.

އަންޖޫނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކޯސްތައް ރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފަވާއިރު، ޑަބްލިއުޑީސީއިން މަސައްކަތްކުރަނީ ރަށުގައި ގިނަ އަދަދެއްގެ ކޯޗުން އުފެއްދުމަށްކަމަށެވެ. ތޮއްޑޫއަކީ ހޭންޑް ބޯޅައިގެ ފޯރި ގަދަ ރަށެއްކަމަށާ ރަށުގައި ހޭންޑް ބޯޅައަށް ޚާއްސަ އެކެޑެމީއެއްވެސް ހިންގަމުން އަންނައިރު، އެތަނުގައި ރަށަށް ނިސްބަތްވާ ކޯޗުން ކުދިން ތަމްރީނުކުރުމަށް ތިބޭގޮތްހެދުމަކީ އެކޮމިޓީގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތް މިކުރަނީ ރަށުގެ ކޯޗުން ކުދިން ތަމްރީނުކުރަން ތިބޭގޮތް ހެދުމަށް. އޭރުން ރަށުން ބޭރުން ކޯޗުން ގެންނާކަށް ނުޖެހޭނެ. މިރަށުގައި މިކުޅިވަރު ވަރަށް ފޯރީގައި ކުޅޭ. ހޭންޑް ބޯޅަ އެކެޑެމީއެއް މިރަށުގައި މިހާރުވެސް ކުރިއަށްދޭ" އަންޖޫނާ ހާމަކުރެއްވިއެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ ހޭންޑްބޯޅަ ކޯޗެއްކަމަށްވާ ޢަބްދުﷲ ޒިޔާއުއެވެ. ކޯހުގެ ބައިވެރިންނަށް ކޯޗުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކުރަމުން އަންޖޫނާ ބުނީ މިކޯހުގެ ސަބަބުން ރަށުގެ ކުޅިވަރުގެ ތަރައްޤީއަށް ހެޔޮ އަސަރުތަކެއްކުރާނެކަމަށެވެ.