މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ސާފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑު ފަށައިފިއެވެ. މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 16-19 ގެ ނިޔަލަށް މ. މުލީގައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މުލީ ކައުންސިލް އަދި މ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި މުބާރާތުގެ ފުރަތަމަ ހީޓުތައް ފަށާފައިވަނީ މިއަދު ހެނދުނެވެ.
މި މުބާރާތުގައި ޖޫނިއަރ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓް ބޯޑް އިވެންޓުގައި 21 އެތުލީޓުން ވާދަކުރެއެވެ. އަދި މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓުގައި 22 އެތުލީޓުން ވާދަކުރެއެވެ.
މިއަދު ހެނދުނު ކުރިޔަށް ދިޔަ ހީޓްތަކުގެ ނަތީޖާއަށް ބަލާއިރު ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓްގައި އެންމެ ގިނަ ޕޮއިންޓް ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާންއެވެ. ދެވަނަ ހީޓުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ނޫހު މުހައްމަދު ދުނެއިމް އިރުޝާދެވެ.
ތިންވަނަ ހީޓްގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ޔާސިން އަހުމަދު ނާޝިދެވެ. ހަތަރުވަނަ ހީޓުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. ފަސްވަނަ ހީޓްގައި އެންމެ ކުރީގައި އޮތީ ހަސަން އަޒާން އިސްމާއިލްއެވެ.