ޚަބަރު

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރަން ކުންފުންޏަކާ ހަވާލުކޮށްފި


  • މެޓްސްއާ ހަވާލުކޮށްފައިވަނީ 1 މަސްތެރޭ މަސައްކަތް ނިންމާ ގޮތަށް

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މަހިބަދޫގެ ކުންފުންޏެއްކަމަށްވާ މެޓްސްއާއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އދ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަސީރު ވިދާޅުވީ، އެއަތޮޅުގައި އިމިގްރޭޝަން އޮފީސް ޤާއިމް ކުރާނީ މަހިބަދޫގައި ކަމަށެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިއަދު ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް މެޓްސް ކުންފުންޏާ ހަވާލުކުރުމަށް އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ޢަލީ ނަސީރެވެ. މެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް، ޢަލީ ރިޒާއެވެ.

މި މަސައްކަތް މެޓްސްއާ ހަވާލުކޮށްފައިވަނީ 1މަސް ދުވަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރާގޮތަށެވެ.

އދ. އަތޮޅުގައި ޤާއިމްކުރާ އިމިގްރޭޝަންގެ އޮފީހުގެ ޢަމަލީ މަސައްކަތް ނިމި، ޚިދުމަތް ފޯރުކޮށްދެވެން ފެށުމާއެކު، އިމިގްރޭޝަންގެ ޚިދުމަތްތައް އަތޮޅުގައި ތިބެގެން ލުއިފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލްގައި ހިމަނައި ބަޖެޓް ކޮށްފައިވާ މަސައްކަތެކެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.

އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.