ކުޅިވަރު

ރެއާލްގެ ވާތު ބެކަށް ކަރެރާސް


ރެއާލް މެޑްރިޑުގެ ވާތު ބެކުގެ ޕޮޒިޝަނަށް ބެންފީކާއަށް ކުޅެމުން އަންނަ ސްޕެއިންގެ އަލްވާރޯ ކަރެރާސް ގަނެފި އެވެ.

މިދިޔަ ސީޒަނާއި ކުލަބު ވޯލްޑް ކަޕުގެ ނަތީޖާ ގޯސްވެފައިވާ ރެއާލް މެޑްރިޑުގެ ފަހަތުން އެންމެ ބޮޑަށް ހާ އަޅާ ތަނަނީ ވާތު ބެކްގެ ޕޮޒިޝަނެވެ. އެކުލަބުން ކަރެރާސް ގަތީ ބަޔާން މިއުނިކްގެ އަލްފަންސޯ ޑޭވީސް ނުލިބޭނެކަން ޔަގީންވުމުންނެވެ.

ބެންފީކާއިން އޭނާ ރެއާލް މެޑްރިޑަށް ވިއްކާލީ 60 މިލިއަން ޔޫރޯ އަށެވެ. ރެއާލް ކުރިން ވިސްނައިގެން ތިބީ 40 މިލިއަން ޔޫރޯ އަށް ކަރެރާސް ގަތުމަށެވެ. ނަމަވެސް ރެއާލްއިން ބޮޑު ހޭދައެއް ކުރަން ޖެހުނީ ބެންފީކާއިން ގޮތް ދޫނުކުރުމުންނެވެ.

ކަރެރާސް ރެއާލް އަށް ސޮއި ކުރީ ހަ އަހަރު ދުވަހަށެވެ. މިހެންވެ 2031 ވަނަ އަހަރާ ހަމައަށް އޭނާ ހުންނާނީ ރެއާލްގަ އެވެ.

އޭނާގެ ކުޅުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ލޮލުގައި އަޅައިގަތީ މިދިޔަ ސީޒަނުގަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ މޮޅަށް ކުޅުމުންނެވެ. މި ސީޒަނުގައި އޭނާ ވަނީ ބެންފީކާ އަށް 47 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އޭނާގެ އެންމެ ހާއްސަ އެއް ކަމަކީ ފަހަތަށް ކުޅެމުން އެޓޭކްގައި ބައިވެރިވުމާއި ބަރާބަރު ހުރަސްތައް ނަގައިދިނުމެވެ.

ކަރެރާސް ވަނީ ބެންފީކާ އަށް 52 މެޗު ކުޅެދީފަ އެވެ. އަދި ހަތަރު ގޯލު ޖަހައިދީ ފަސް ގޯލެއް ޖަހަން މަގު ފަހިކޮސްދިނެވެ. ޖުމުލަ 4520 މިނިޓް އޭނާ ކުޅުނެވެ. މި ހުރިހާ ވަގުތެއްގައި 20 ރީނދޫ ކާޑު ވެސް ހޯދި އެވެ.

ރެއާލްއިން މިހާރު ވިސްނަމުންދަނީ ކަރެރާސް ލިބުމާއެކީ ފެރަން ގާސިއާ އާއި ފާލަންޑް މެންދީ ކުރެ ކޮންމެވެސް އެއް ކުޅުންތެރިއަކު ވިއްކާލުމަށެވެ.