އާސަންދަ ކަވަރުނުކުރާ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޢުލާންކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން ބަލަހައްޓަމުންދާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިސްލާމިކް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އިޢުލާނުގައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމާއި އަންދާސީ ހިސާބު ހުށައެޅުމާ ބެހޭގޮތުން މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ، ވުޒާރާގެ މެއިން [email protected] އަށް ސުވާލު ފޮނުވޭނެ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އިންޝުއަރެންސް ތަޢާރަފުކުރަނީ އާސަންދަ ކަވަރުނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޒަކާތުގެ ކަންކަން ހަރުދަނާކުރެއްވުމަށް "ދިވެހިރާއްޖެ ޒަކާތު ހައުސް"ގެ ނަމުގައި ޚާއްސަ އިދާރާއެއް އުފެއްދެވިއެވެ. ފަޤީރުންގެ ދަފްތަރު ބަލަހައްޓަނީ މި އިދާރާގެ ދަށުންނެވެ. އަދި ޒަކާތު ފަންޑުންވެސް ދަނީ ބޭސްފަރުވާ ހިމެނޭހެން އެކި ކަންކަމަށް އެހީތެރިވަމުންނެވެ. އެގޮތުން ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެއެވެ.
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި 2852 ފަޤީރުން އެބަތިއްބެވެ.